ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއު "އީގަލް ހިލްސް" އާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށާއި، 99 އަހަރަށް ބިން ކުއްޔަށް ދިނުމަކީ ރާއްޖޭގައި މުޅިން އާ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދިގު މުއްދަތަކަށް ބިން ނުވަތަ ރަށްތައް ކުއްޔަށް ދިނުމަކީ 2013 އާއި 2018 އާ ދެމެދު ރާއްޖޭގައި ފެށިފައިވާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް 54 އެއްހާ ރިސޯޓު 99 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ކަމަށާއި، އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހިއްކާ ބިމުގެ 30 ޕަސަންޓު ތާއަބަދަށް ވިއްކޭ ގޮތަށް ކުރީގެ ސަރުކާރަކުން ގާނޫނު ވެސް ބަދަލުކުރިކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުގެ އާމްދަނީއާއި ހަރަދުގެ ނިސްބަތަށް ބަލާއިރު، އިގްތިސާދަށް އާދަޔާހިލާފު ބޮޑު ކުރިއެރުމެއް ނުގެނެސް ސަރަހައްދީ ވާދަވެރިކަމުގެ ތެރޭގައި ދެމިއޮތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އިގްތިސާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ހަމަހިމޭންކަމުގެ އިތުރުން މެހެމާންދާރީގެ މާތް ސިފަތަކާ ނުގުޅޭ ސިނާއަތްތައް ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ބިނާކޮށް ރިއަލް އެސްޓޭޓްގެ ދާއިރާ ފުޅާކުރުމަކީ މި ވަގުތަށް އެންމެ އެކަށީގެންވާ މަގު ކަމުގައި ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ފާއިތުވި 54 އަހަރުގެ ތެރޭގައި ރާއްޖޭގައި 177 ރިސޯޓު ތަރައްގީކޮށް، އަހަރަކު 2.2 އާއި 2.3 މިލިއަން ޓޫރިސްޓުން ގެނެވޭއިރު، އިގްތިސާދަށް އިތުރުކޮށްދެވެނީ 1.7 ބިލިއަން ޑޮލަރުގެ ވެލިއު ކަމަށެވެ. ނަމަވެސް، އެތައް ބިލިއަން ޑޮލަރެއްގެ "އީގަލް ހިލްސް" މަޝްރޫއުގެ ސަބަބުން އެކަނިވެސް އަހަރަކު އިތުރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަލަށް ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 4 އިން 5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ތަނެއް ކަމަށް ވިދާޅުވި އެވެ.

ވާހަކަ ނިންމަވާލައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އީގަލް ހިލްސް ފަދަ ބިޔަ މަޝްރޫއެއް ކާމިޔާބުވެގެން ދިއުމަކީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މުސްތަގުބަލަށް އެޅޭނެ ބޮޑު ހިޔަންޏަކަށް ވާތީ، އެ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިތުނަ އުފެއްދުމަށް ވާހަކަދައްކަމުންދާ ކަމަށެވެ.