ރަސްމާލޭގައި ތަރައްގީކުރާ އީގަލް ހިލްސް މަޝްރޫއާ ގުޅުވައިގެން 30،000 މީހުން ގެނެސް ވަޒަންވެރިކުރުވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ރާއްޖޭގައި 'ކޯޕަރޭޓް ރެޒިޑެންސް ވިސާ' ދޫކުރުމަކީ 2015 ވަނަ އަހަރުން ފެށިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން އިމިގްރޭޝަން ގާނޫނުގެ ތެރެއިން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އެގޮތުން އޭރު 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް 99 އަހަރުގެ ވިސާ ދޭ ގޮތަށް އޮތް ނަމަވެސް، 2020 ވަނަ އަހަރު ނިމިދިޔަ ސަރުކާރުން އެ އަދަދު 200،000 ޑޮލަރަށް ކުޑަކޮށް، ފަސް އަހަރުން އާކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރަސްމާލެ މަޝްރޫއުގައި ވެސް ވިސާ ދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ލަފަޔާ އެއްގޮތަށް ކަމަށް އުޝާމް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން އެކުލަވާލަމުންދާ ރިއަލްއެސްޓޭޓް ގާނޫނާ ގުޅޭގޮތުން ބަންޑާރަނައިބު ވިދާޅުވީ، އެއީ ވަކި ހާއްސަ މަޝްރޫއަކަށް އަމާޒުކޮށްގެން ހަދާ އެއްޗެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެ ގާނޫނަކީ ޓޫރިޒަމަށް އެކަނި ބަރޯސާނުވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ރިއަލްއެސްޓޭޓް މާކެޓް ފުޅާކޮށް، ރާއްޖެއާއި ބޭރުގެ ކުންފުނިތަކަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް ހުޅުވާލުމަށް އެކުލަވާލާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ސަރުކާރުން ވަނީ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި 20 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާ) ގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ގެނެވޭ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.
މި މަޝްރޫއާ ގުޅިގެން ޝަރުއީ ކޯޓަށް މައްސަލަތަކެއް ހުށަހެޅިފައިވީ ނަމަވެސް، މި ޕްރޮޖެކްޓުގެ ސަބަބުން ގައުމުގެ ޖީޑީޕީ ބޮޑުތަނުން މައްޗަށް ގޮސް ރައްޔިތުންނަށް އޭގެ ސީދާ މަންފާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ބޮޑެތި މަޝްރޫއުތައް ހިންގާއިރު ސިޔާސީ ދެކޮޅުވެރިކަން އެއްކިބާކޮށް، ކޮންމެ ފަރާތަކުން ވެސް ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.
