ޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް ޓީޗަރުން ހޭނުވުމަށް ތަމްރީނު ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ފަސްޓްލޭޑީ ހިއްސާކުރެއްވި ޕޯސްޓުގައި، ދަރިވަރުންނަށް އޯގާތެރިކަމާއެކު އުނގަންނައިދިނުމަށް ޓީޗަރުން ވަމުންދާ ގުރުބާނީއާއި ކުރަމުން އަންނަ ބުރަ މަސައްކަތްތައް ވަނީ ހާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު މަގު ދައްކައިދީ، ހަރުދަނާ އަދި އަޅާލާ މުޖުތަމައެއް ބިނާކުރުމުގައި ޓީޗަރުން އަދާކުރަނީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު ކްލާސްރޫމްތައް ޓެކްނޮލޮޖީއާއި އޭއައިގެ ވަސީލަތްތަކާއެކު ކުރިއަރަމުންދާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ޓީޗަރުންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އެފަދަ ޒަމާނީ ބަދަލުތަކަށް ފުރިހަމަ އިތުބާރާއެކު ހޭނުމަށްޓަކައި، ޓީޗަރުން ބާރުވެރިކޮށް އެކަށީގެންވާ ތަމްރީނު ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ޓީޗަރުން ކޮންމެ ދުވަހަކުވެސް ކުދިންނަށް ދެއްވާ އަޅާލުމާއި ކުރައްވާ އިހުލާސްތެރި ހިދުމަތްތަކަށް އެކަމަނާ ވަނީ ހިތުގެ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ކްލާސްރޫމުގެ ތެރޭގައި ޓީޗަރުން އުނގަންނައިދޭ ކަންކަމަކީ ހަމައެކަނި ފޮތްތަކުގެ ތެރެއިން ނިމޭ ކަންކަން ނޫން ކަމަށާއި، އޭގެ ހެޔޮ އަސަރު މުޅި އުމުރަށް ކުދިންގެ ދިރިއުޅުމުން ފެންނަން ހުންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖު ނިންމަވާލައްވަމުން ވަނީ، މުޖުތަމައު ބިނާކުރުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތުގެ އަގު އަބަދުވެސް ވަޒަންކުރަންޖެހޭނެ ކަމަށާއި، ގައުމުގެ މުސްތަގުބަލު އުޖާލާކުރުމުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޓީޗަރުންގެ އަތްމަތީގައި ކަމަށް ވިދާޅުވެފައެވެ.
