ލިއޮނަލް މެސީ، ބާސެލޯނާ ދޫކޮށްލިފަހުން އާ ސީޒަނުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 4-2ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ރޭގެ މެޗަކީ 2016 ވަނަ އަހަރުގެ ފަހުން ލީގުގައި ސޮސިއެޑާޑާ ދެކޮޅަށް ބާސެލޯނާ އިން ބަލިނުވެ ނިންމާލި 10 ވަނަ މެޗެވެ. އޭގެތެރެއިން 8 މެޗުން މޮޅުވިއިރު، އަނެއް ދެ މެޗުންވީ އެއްވަރެވެ. އަދި މިއީ ލީގުގައި ބާސެލޯނާގެ ދަނޑުގައި ސޮސިއެޑާޑް ބަލިވި 64 ވަނަ މެޗެވެ.

ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗު ފެށިގެން 19 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑްނަގައިދިނީ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. މިއީ އާ ސީޒަނަށް އެ ޓީމާ ހިލޭ ޓްރާންސްފާގައި ގުޅުނު ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޕީކޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ބާސެލޯނާ އަށް ލީޑްނަގައިދޭން ކުރީން ސޮސިއެޑާޑަށް ކުޅުނު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ބާސެލޯނާގެ ދެވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ޑެންމާކްގެ ފޯވާޑް މާޓިން ބްރެއިތުވެއިޓް އެވެ. މިއީ އެ ޓީމުގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ބްރެއިތުވެއިޓް ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި ބާސެލޯނާގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ބްރެއިތުވެއިޓް އެވެ. އޭގެފަހުން، ސޮސިއެޑާޑުން މި ހާފުގައި ގެނައި ބަދަލުތަކާއެކު ތިން މިނެޓުގެ ތެރޭގައި ވައްދާލި ދެ ލަނޑާއެކު ބާސެލޯނާ ސިއްސުވާލިއެވެ. މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ހުލެން ލޮބޭޓޭ ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓުފަހުން ލިބުނު ހިލޭޖެހުމަކުން މިކޭލް އޮޔާޒަބާލް ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ. އެކަމަކު، މެޗުގެ އިތުރުވަގުތުގައި ގްރީޒްމަން އާއި ބްރެއިތުވެއިޓް ގުޅިގެން އުފެއްދި ކައުންޓައެޓޭކެއްގައި ސާޖީ ރޮބާޓޯ ކާމިޔާބުކޮށްދިން ގޯލާއެކު ބާސެލޯނާ އިން ވަނީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-1 ގެ ހަނި ނަތީޖާއަކުން ސެލްޓާ ވިގޯ ބަލިކޮށްފައެވެ. މި މެޗުގައި އެތުލެޓިކޯ އިން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އެންހެލް ކޮރޭއާ އެވެ. ސެލްޓާގެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން އިއާގޯ އަސްޕާސް ކާމިޔާބުކުރި ގޯލެކެވެ. ސެލްޓާ ހޫގޯ މަލޯ އާއި އެތުލެޓިކޯގެ މާރިއޯ ހާމޯސޯ އަށް އިތުރުވަގުތުގައި ދެއްކި ރަތް ކާޑާއެކު ދެ ޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ސެވިއްޔާ އިން ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ތަފާތަކުން ރަޔޯ ވަޔެކާނޯ ބަލިކޮށްފައެވެ. މި މެޗުގެ 19 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ސެވިއްޔާގެ އުސާމާ އިދްރީސީ އަށް ރަޔޯގެ ކީޕަރު ލޫކާ ޒިދާން ކުރި ފައުލަކަށް ރެފްރީ ވަނީ ލޫކާ އަށް ސީދާ ރަތެއް ދައްކައި ޕެނަލްޓީއެއް ދީފައެވެ. ސެވިއްޔާ އަށް ލިބުނު ޕެނަލްޓީ ޔޫސުފް އެން-ނެސީރީ ކާމިޔާބުކޮށްދިންއިރު، ފަހު ހާފުގައި އެ ޓީމުގެ އަނެއް ދެލަނޑުޖެހީ އެރިކް ލަމޭލާ އެވެ.