ދުބާއިން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިޓް އެފްޒެޑް1073 ގެ ކޯ-ޕައިލެޓް މަސައްކަތްކުރީ މަތިންދާބޯޓު ގެންގޮސް އިމާރާތެއްގައި ޖައްސައި ގޮއްވާލަންކަން ފަޅާއަރައިފިއެވެ.

އިޓަލީގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމާނަށް ނިސްބަތްވާ ކޯ-ޕައިލެޓް ހަމާމް އަލް-ހައްމާމީ ގަސްދުކުރީ އިންޑިއާގެ ކެޕްޓަން ސްމިތު މައްޗާރަށް ހަމަލާދީ މަރާލުމަށްފަހު، ބޯޓު ކޮންޓްރޯލްކޮށް ބެން ގޫރިއަން އެއާޕޯޓަށް ނުވަތަ ތެލް އަވީވްގެ އުސް އިމާރާތަކަށް ވައްޓާލުމަށެވެ. އަދި އޭނާ މި ހަމަލާ ދޭން ރޭވީ އެއާޕޯޓުން ބޯޓު ޖެއްސުމުގެ ހުރިހާ ހުއްދައެއް ލިބި، އެއްވެސް ޝައްކެއް ނުވާނެ ހިސާބަށް ކަންކަން ދިއުމުންނެވެ.

މި ރޭވުން ނާކާމިޔާބުވީ، ކޯ-ޕައިލެޓް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ނަމަވެސް، ކެޕްޓަން ހިތްވަރާއެކު ކޮކްޕިޓްގެ ދޮރު ހުޅުވާލުމާ ގުޅިގެންނެވެ. އެއާއެކު ބޯޓުގައި ތިބި ފަސިންޖަރުން ވަދެ ކޯ-ޕައިލެޓް ހިފަހައްޓައި ބަނދެލިއެވެ. އަދި ބޯޓުގެ ކޮންޓްރޯލް ނަގައި، ސަލާމަތްތެރިކަމާއެކު ޖެއްސުމުގައި އެ ވަގުތު ދަތުރުކުރި އޮފް-ޑިއުޓީ ދެ ޕައިލެޓުން ވަނީ އެހީތެރިވެދީފައެވެ.

ޔޫއޭއީގެ ތަހުގީގީ އިދާރާތަކަށް ހައްމާމީ ބުނެފައިވަނީ، އޭނާ ފްލައިދުބާއީއާ ގުޅުނީވެސް ތެލް އަވީވަށް އެ އެއާލައިނުން ދަތުރުކުރާތީ، މިފަދަ ހަމަލާއެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ އެއާލައިނާ ގުޅުމުގެ ކުރިންވެސް މި ހަމަލާ ރާވަމުންދިޔަ ކަމަށާއި، ފަހަކަށް އައިސް އޭނާ ތަކުރާރުކޮށް އިޒްރޭލުގެ ބެން ގޫރިއަން އެއާޕޯޓަށް ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ތަހުގީގުން ވަނީ ހާމަވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްމާމީ މިހާރު ހުރީ ޔޫއޭއީގެ ހައްޔަރުގައެވެ. އަދި މި ރޭވުމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އިޒްރޭލާއި ޔޫއޭއީ އަދި ސައޫދީ އަރަބިއްޔާގެ ތަހުގީގީ ޓީމުތަކުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.