ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ދަތުރުކުރަމުން ދަނީ ފުޓުބޯޅައިގެ ލެޖެންޑަކަށް ވުމުގެ މަގުމަތީގައި ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓެ ބުނެފިއެވެ. ކޯޗު މިހެން ބުނީ ޗެކިއާ އަތުން 3-1 އިން ސްޕެއިން މޮޅުވި މެޗަށްފަހު، ޔަމާލް ދެއްކި މޮޅު ކުޅުމަށް ތައުރީފު ކުރަމުންނެވެ.

މި މެޗުގައި ޔަމާލް ޖެހި ހިތްގައިމު ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ކުޅުނު ތިން މެޗެއްގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ލަނޑު ޖެހުމުގެ ތަފާތު ރެކޯޑެއް ހަދާފައެވެ. ޗެކިއާ މެޗުގައި އޭނާ ކާމިޔާބުކުރި އެ ލަނޑަކީ ކޯޗު ޑެ ލަ ފުއެންޓެ ވެސް އަންތަރީސްކޮށްލި ފަދަ މޮޅު ހަމަލާއެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ބުނީ ޔަމާލްގެ ހުނަރާއި ކުޅުން މިހާރު ހުރި ފެންވަރަށް ބަލާއިރު، އޭނާ ދަތުރުކުރަމުން އެ ދަނީ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުންތެރިއަކަށް ވުމުގެ މިސްރާބަށް ކަމަށެވެ. އަދި އުމުރުން ހަގު ނަމަވެސް، މުހިންމު ވަގުތުތަކުގައި ޓީމަށް ނަތީޖާ ނެރެދިނުމުގައި ޔަމާލް ދައްކާ ހިތްވަރަށް ކޯޗު ވަނީ ސާބަސް ދީފައެވެ.

ސްޕެއިންގެ ސަޕޯޓަރުންނާއި މުޅި ފުޓުބޯޅަ ދުނިޔެ ސިއްސުވާލަމުން އަންނަ ޔަމާލް އަކީ މިހާރު ސްޕެއިންގެ އެޓޭކިންގައި އެންމެ މުހިންމު އެއް ތަނބެވެ. އޭނާގެ މި މޮޅު ކުޅުމާއެކު ސްޕެއިން އިން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ.