ދެވަނަ ހާފުގެ ކުރީކޮޅު ސޮން ހެއުން-މިން ވައްދާލި ހިތްގައިމު ލަނޑުން މެންޗެސްޓާ ސިޓީގެ މައްޗަށް ޓޮޓެންހަމް ހޮޓްސްޕާ އިން 1-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިއީ ޓޮޓެންހަމްގެ އައު ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ލީގުގެ ފުރަތަމަ މެޗުގައި ކޯޗު ޕެޕް ގާޑިއޯލާ އާއެކު ސިޓީ އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ. މީގެކުރީން، ވޭތުވެދިޔަ ފަސް ސިޒަނުގެ ލީގުގައި ސިޓީން ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، މިއީ ޓޮޓެންހަމްގެ ދަނޑުގައި ސިޓީ ޖެހިޖެހިގެން ބަލިވި ހަތަރުވަނަ ފަހަރެވެ.

ރޭގެ މެޗަށް ޓޮޓެންހަމް ނިކުތްއިރު މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް އަދި ކެޕްޓަން ހެރީ ކޭން ސްކޮޑުގައި ނުހިމަނައެވެ. އެގޮތުން، ކޭންގެ ސޮއި ހޯދުމަށް އެންމެ ގަދައަޅައި މަސައްކަތްކުރާ ކްލަބަކީ ސިޓީ އެވެ. އެކަމަކު، ޓޮޓެންހަމްގެ ކޯޗު ނޫނޯ ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ޓޮޓެންހަމްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ސިޓީން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވާއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ފެނާންޑީނިއޯ އާއި އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒްގެ އިތުރުން ޕޯޗުގަލްގެ ފުލްބެކް ޔާއޯ ކަންސޭލޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި ޓޮޓެންހަމްގެ ފޯވާޑް ސޮން އަށް ލިބުނު ފުރުޞަތުތައްވެސް ވީބޭކާރެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަނަ މިނެޓުގައި ޓޮޓެންހަމުން ލީޑްނެގީ ސޮން ކާމިޔާބުކުރި ރީތި ގޯލުންނެވެ. ސޮން މި ލަނޑުޖެހީ އެ ޓީމަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ވިންގާ ސްޓީވެން ބާގްވިން ދިން ބޯޅައަކުންނެވެ. އޭގެ ފަހުން، ޓޮޓެންހަމްގެ ލީޑް ފުޅާކުރުމަށް ބާގްވިން އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ސިޓީން އެއްވަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގެއްގައި އެސްޓަން ވިލާ އިން އެ ޓީމަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް އާއި ސްޕެއިނުގެ ވިންގާ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ގޯލްކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް އެވެ.

ލީގުގައި ސިޓީ އަށް ދެން އޮތީ މި މަހުގެ 21 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އަލަށް ޕްރޮމޯޓުވި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސް ފަހުން ރަށުން ބޭރުގައި ޓޮޓެންހަމް ނިކުންނާނީ އެ ޓީމުގެ ކޯޗު ނޫނޯގެ ކުރީގެ ޓީމު ކަމަށްވާ ވުލްވްސްއާ ދެކޮޅަށެވެ.

މި މުބާރާތުގައި ރޭ ސެއިންޓް ޖޭމްސް ޕާކްގައި ނިއުކާސަލް ޔުނައިޓެޑް އަތުން ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވީ 4-2 އިންނެވެ. މި މެޗުގައި ވެސްޓް ހޭމުން ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ އާރޮން ކްރެސްވެލް އާއި ސައިދު ބެންރާމާގެ އިތުރުން ތޯމަސް ސޫޗެކް އަދި މިޚާއިލް އެންޓޯނިއޯ އެވެ. ނިއުކާސަލްގެ ލަނޑުތައް ޖަހައިދިނީ ކެލުމް ވިލްސަން އާއި ޖޭކޮބް މާފީ އެވެ.