އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ އާދަކާދަތަކަކާއި އަޚްލާޤީ މިންގަނޑުތަކެއް ފުރިހަމައަށް ބަޔާންކޮށްދީފައިވާ ޝާމިލު ދީނެކެވެ. މިގޮތުން ދީނުގައި އެންމެ ބޮޑު އަހައްމިއްޔަތަކާއި އިސްކަމެއް ދެވިފައިވާ އެއް ކަމަކީ ސާފުތާހިރުކަމެވެ. އިސްލާމްދީނުގައި ޠާހިރުކަމަކީ ހަމައެކަނި ސިއްޙީ ގޮތުން ކުރަންޖެހޭ ކަމެއްގެ އިތުރުން، އެއީ އަޅުކަމުގެ ބައެކެވެ. އަދި އީމާންކަމުގެ އަސާސްތަކާ ގުޅިފައިވާ މުހިންމު ރުކުނެކެވެ.
ސާފުތާހިރުކަމުގެ މުހިންމުކަން ކީރިތި ޤުރްއާނުގެ ގިނަ އާޔަތްތަކަކުން އެނގިގެންދެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ﴾ (سورة البقرة: 222). މާނައީ: "އިޢުތިރާފުވެ ތައުބާވާ މީހުންނާއި، ޠާހިރުވެގަންނަ މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ." މި އާޔަތުން އެނގޭ ގޮތުގައި ސާފުތާހިރުކަމަށް އިސްކަންދޭ މީހުންނަކީ އިލާހީ ލޯބި ލިބެނިވި ބައެކެވެ.
ޠާހިރުކަން ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ބޭރުފުށުގެ ޠާހިރުކަމާއި އެތެރެފުށުގެ ޠާހިރުކަމެވެ. ބޭރުފުށުގެ ޠާހިރުކަމަކީ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ މާޙައުލު ނަޖިހުންނާއި ކުނިބުނިން ސާފުކޮށް ބެހެއްޓުމެވެ. އަދި އަޅުކަންތަކަށްޓަކައި ވުޟޫކުރުމާއި ހިނައިގަތުން ފަދަ ކަންކަމެވެ. މިއާ ޚިލާފަށް އެތެރެފުށުގެ ޠާހިރުކަމަކީ ހިތް ޙަސަދައާއި، ކިބުރުވެރިކަމާއި، ރުޅިވެރިކަމުން ސާފުކޮށް، އިޚްލާޞްތެރިކަމާއެކު ﷲ އަށް ކިޔަމަންތެރިވުމެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ގޮތުގައި، އިސްލާމްދީނުގައި ސާފުތާހިރުކަމަކީ ހަމައެކަނި ހަށިގަނޑު ދޮވެލުމެއް ނޫނެވެ. އެއީ ހިތާއި، ޚިޔާލާއި، އަޚްލާޤު ސާފުކުރުމެވެ. ބޭރުފުށުން ކިތަންމެ ސާފުކޮށް ހުރިކަމުގައި ވިޔަސް، ހިތުގައި ނުބައިކަމާއި ނަފްރަތު އޮތްނަމަ އެއީ ފުރިހަމަ ޠާހިރުކަމެއް ނޫނެވެ. ދެބައި އެކުވެގެން މެނުވީ މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ސާފުތާހިރުކަމަކީ މުސްލިމެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އަމިއްލަ ނަފްސާއި، ގޭތެރެއާއި، ވަށައިގެންވާ މާޙައުލު ސާފުކޮށް ބެހެއްޓުމަކީ މުޖުތަމަޢުގެ އެންމެންގެ ސިއްޙަތަށާއި އުފާވެރިކަމަށް ލިބޭ ބޮޑު ބާރެކެވެ. އެހެންކަމުން، ބޭރުފުށުގެ ސާފުތާހިރުކަމާއެކު ހިތުގެ ތާހިރުކަމަށް އިސްކަންދީ، ﷲ އިޒުނަކުރެއްވި ސާފުތާހިރު އަޅުންގެ ތެރެއިންވުމަށް އަޅުގަނޑުމެން އެންމެން ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ.
ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.
