ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި ފިޓްނަސް އިންސްޓްރަކްޓަރު ފާތިމަތު ނަވާއަށް ތިން މަސްދުވަސް ވަންދެން ފާރަލައި ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ނަވާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ސިނަމާލެ ބުރިޖުގެ ހިނގާ ފަރާތުން މީހަކު އޭނާގެ ފަހަތުން އުޅެނިކޮށް ހުއްޓުވައި، ފާރަލައި ފަހަތުން ހިނގަނީ ކީއްވެތޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ސުވާލުކުރާ މަންޒަރެވެ. އަދި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެމީހާ އޭނާ ފަހަތުން ދިޔަ އެކި ތަންތަނުގެ ތަފްސީލުތައްވެސް އެމީހާއަށް ނަވާ ކިޔައިދެމުން ދިޔައެވެ. މީގެއިތުރުން، އެ ހާދިސާއަށްފަހު މިއަދު ހެނދުނު ފުލުހުންނަށް ގޮސް އެ މައްސަލަ ހުށަހަޅާ މަންޒަރުވެސް އެ ވީޑިއޯގައި ހިމަނާފައިވެއެވެ
.
ފުލުހުން ބުނި ގޮތުގައި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިއަދު ހެނދުނު 06:00 އެހައިކަންހާއިރު ވަނީ ރިޕޯޓްކޮށްފައެވެ.
އަދި މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
