ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފެށިތާ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި، ގާނޫނާ ހިލާފުވި 653 މީހަކަށް ފިޔަވަޅު އަޅައި، 183 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް މި ފިޔަވަޅުތައް އަޅާފައިވަނީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނަށް ގެނައި ހަރުކަށި އިސްލާހުތަކާ ހިލާފުވުމާ ގުޅިގެން ކަމަށެވެ. މީގެ ތެރޭގައި އުޅަނދުތައް އިންޝުއަރެންސް ނުކޮށް ދުއްވުމާއި، ޑީމެރިޓް ޕޮއިންޓް އުސޫލުތަކާ ހިލާފުވުން ފަދަ ކަންކަން ހިމެނެއެވެ. އިންޝުއަރެންސް ނެތި ދުއްވާ ފަރާތްތަކާއި އުޅަނދުގެ ވެރިފަރާތް ވަކިވަކިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް އާ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އާ ގާނޫނުގެ ދަށުން ނުރައްކާތެރިކޮށް އަދި ޒިންމާދާރުކަން ކުޑަ ގޮތެއްގައި އުޅަނދު ދުއްވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ ހަވާލުކުރުމާއި، ފަސިންޖަރު ސީޓުގައި އިންނަ މީހަކާ ހުންގާނު ހަވާލުކުރުން ފަދަ ކުށްތަކަށް 25،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ކުށްތައް ކުރާ ފަރާތްތަކުގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ އިތުރުން، ޖިނާއީ ދައުވާ ކުރުމުގެ ބާރުވެސް ގާނޫނުން ލިބިދެއެވެ.

މީގެއިތުރުން، މާލޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ހާއްސަ އޮފީހަކާއި ފަންޑެއް ގާއިމުކުރުމަށާއި، އުފެއްދި ތާރީހުން ފެށިގެން 20 އަހަރުވެފައިވާ އުޅަނދުތައް ނިޒާމުން ބޭރުކުރުމަށްވެސް އާ ގާނޫނުން ވަނީ ލާޒިމުކޮށްފައެވެ.