ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލަކާއި، ދެ މީހުން އަރުވައިގެން ދުއްވި ސައިކަލެއް ޖެހިގެންނެވެ. މީގެ ތެރެއިން ތިން މީހުން އަރައި ތިބި ސައިކަލަކީ ހުޅުމާލޭގައި ވަންވޭއާ އިދިކޮޅަށް، ބާރު ސްޕީޑުގައި ވަރަށް ނުރައްކާތެރިކޮށް ދުއްވާފައިވާ ސައިކަލެއްކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވަނީ އެނގިފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
