ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން މަހުން މަހަށް ދައްކަންޖެހޭ ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު ހުރި ނަމަވެސް، އެކި ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކާއި އަމިއްލަ އެކިއެކި ހާލަތްތަކާ ގުޅިގެން ގިނަ ބަޔަކު ކުލި ދެއްކުމުގައި އިހުމާލުވަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުލި ނުދައްކާ ނިސްބަތް ގާތްގަނޑަކަށް 50 އިންސައްތައަށް އަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ނުދައްކާ ހުރި ޖުމްލަ ފައިސާގެ އަދަދު އެޗްޑީސީން ހާމަނުކުރި ނަމަވެސް، މިއީ ގިނަ ދުވަސްވީ ބޮޑު މައްސަލައެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ކުރީކޮޅުގެ ރެކޯޑުތަކަށް ބަލާއިރު، ސޯޝަލް ހައުސިން ސްކީމްތަކުން ނުލިބި ހުރި ކުލީގެ އަދަދު 728 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރު ބެލި 8،511 ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކާފައިވަނީ އެންމެ 3،219 ޔުނިޓުން ކަމަށާއި، 5،099 ޔުނިޓަކުން ގަވާއިދުން ކުލި ދައްކާފައި ނުވާކަން ވަނީ ހާމަވެފައެވެ.

އެއްބަސްވުންތަކުގެ ދަށުން ފްލެޓު އަތުލުމުގެ ބާރު ކުންފުންޏަށް އޮތް ނަމަވެސް، ސަރުކާރުން އަބަދުވެސް އަންނަނީ ރައްޔިތުންނަށް ލުއިތަކެއް ދެމުންނެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިޔާ ފްލެޓުގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.9 މިލިއަން ރުފިޔާ މައާފުކޮށްދެއްވައި، މެއިންޓެނަންސް ފީގެ 1،000 ރުފިޔާއާއެކު މަހު ކުލި ވަނީ 4،984 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.

މީގެއިތުރުން، ސޯޝަލް ހައުސިން ޔުނިޓުތައް ގަވާއިދާ ޚިލާފަށް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަތައް ބެލުމަށް އިންސްޕެކްޝަންތައް ހިންގާފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އަދި އެފަދަ ފަރާތްތަކަށް ނޯޓިސް ދީގެން ބިދޭސީން ނެރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެކަން ގަވާއިދުން މޮނިޓަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.