ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެ، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 30.88 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ އަދަދު 30.88 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ޕަސެންޓްގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ 5.8 ޕަސެންޓް މައްޗަށް ގޮސް، 23.84 ބިލިއަން ރުފިޔާ ލިބުމެވެ. މީގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 8.06 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.53 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެއިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 21.2 ޕަސެންޓް އިތުރުވެ 5.78 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީއާއި އާންމު ޖީއެސްޓީންވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 ޕަސެންޓް އިތުރުވެ 0.513 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައްވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން ޖުމްލަ ހަރަދު 18.2 ޕަސެންޓް އިތުރުވެ 35.456 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރޭގައި ހިންގުމުގެ ހަރަދަށް 30.653 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މުވައްޒަފުންގެ މުސާރައަށް 5.555 ބިލިއަން ރުފިޔާ އަދި ސަބްސިޑީތަކަށް 4.203 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހަމައެއާއެކު އުމްރާނީ ތަރައްގީގެ ކެޕިޓަލް ހަރަދުތައް ވެސް ވަނީ 4.804 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
