ވިޓާމިން ޑީ ސަޕްލިމަންޓުތަކަކީ އާންމުކޮށް ސިއްހަތަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިފަދަ ހުރިހާ ސަޕްލިމަންޓަކީ އެއްވަރެއްގެ ފައިދާއެއް ފޯރުކޮށްދޭ އެއްޗެއް ނޫންކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ޔުނިވަސިޓީ އޮފް ސަރީއިން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، އާންމުކޮށް ބޭނުންކުރާ ވިޓާމިން ޑީގެ ބާވަތެއް ކަމަށްވާ "ވިޓާމިން ޑީ2" ބޭނުންކުރުމުން ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ހަށިގަނޑަށް ކޮށްފާނެއެވެ.

މި ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، ވިޓާމިން ޑީ2 ސަޕްލިމަންޓު ގަވާއިދުން ބޭނުންކުރުމުން، އަވީގެ ސަބަބުން ހަށިގަނޑުގައި ގުދުރަތީ ގޮތެއްގައި އުފެދޭ "ވިޓާމިން ޑީ3" ގެ މިންވަރު ދަށަށްދެއެވެ. ވިޓާމިން ޑީ3 އަކީ ހަށިގަނޑުގައި ވިޓާމިން ޑީގެ މިންވަރު މަތިކޮށްދިނުމަށާއި، އާންމު ދުޅަހެޔޮކަން ދަމަހައްޓަން އެންމެ ފައިދާހުރި ބާވަތެވެ. އެހެންކަމުން ޑީ2 ބޭނުންކުރުމުން ހަށިގަނޑަށް އެންމެ މުހިންމުވާ ޑީ3 ގެ މިންވަރު މަދުވެގެންދިއުމަކީ ސައިންސްވެރިންގެ ކަންބޮޑުވުމެކެވެ.

މީގެ އިތުރުން، ކުރިން ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، ވިޓާމިން ޑީ3 އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ތަފާތު ވައިރަސްތަކާއި ބެކްޓީރިއާތަކުން ރައްކާތެރިވުމަށް ހަށިގަނޑަށް ބޭނުންވާ ދިފާއީ ބާރު އެންމެ ފުރިހަމައަށް ފޯރުކޮށްދެނީ ވިޓާމިން ޑީ3 އިންނެވެ. ނަމަވެސް ޑީ2 ބޭނުންކުރުމުން ޑީ3 މަދުވާނަމަ، ދިފާއީ ނިޒާމުގެ މަސައްކަތަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑެވެ.

އެހެންކަމުން، ސައިންސްވެރިން އިރުޝާދު ދެއްވަނީ ވިޓާމިން ޑީ ސަޕްލިމަންޓެއް ނެގުމުގެ ކުރިން އެއީ ކޮން ބާވަތެއްގެ ސަޕްލިމަންޓެއްކަން ރަނގަޅަށް ބެލުމަށެވެ. ސިއްހީ ގޮތުން އެންމެ ރަނގަޅު ފައިދާއެއް ހޯދުމަށާއި ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި، ވިޓާމިން ޑީ2 ގެ ބަދަލުގައި ވިޓާމިން ޑީ3 އެކުލެވޭ ސަޕްލިމަންޓު އިޚްތިޔާރުކުރުން މުހިންމެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.