ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހި، މޫސުމީ ގަދަ ވިއްސާރައެއް ކުރިމަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ. މި ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ވިއްސާރަ ގަދަވި ނަމަވެސް، ވައި އާދައިގެ މިންވަރެއްގައި ހުންނާނެ ކަމަށާއި ކަނޑުތައް މާ ބޮޑަށް ގަދަ ނުވާނެ ކަމަށް މެޓުން ބުންޏެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
މޫސުން ގޯސްވެ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 08:45 އިން މެންދުރު ފަހު 14:45 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މި މަހުގެ މޫސުމާ ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އެހެން އަހަރުތަކަށް ވުރެ މި މަހު ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އޮކްޓޫބަރު މަހު އާންމުކޮށް ވެހޭ މިންވަރަށް ވުރެ ވާރޭ މަދުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ވާރޭ ވެހުނު ނަމަވެސް، މި މަހުގެ ތެރޭގައި މުޅި ރާއްޖޭގައި ވެސް އެންމެ މަތީ ފިނިހޫނުމިނާއި އެންމެ ދަށު ފިނިހޫނުމިން އާދައިގެ މިންވަރަށް ވުރެ މަތިވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
