ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 12.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށް، ލޯނު ދޫކުރުމުގައި އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. ބީއެމްއެލްގެ މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދަދަކީ މުޅި މިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ދޫކުރި ޖުމްލަ ލޯނަށްވުރެވެސް އިތުރު އަދަދެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 26 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި މިއީ އެ ބޭންކުގެ ތާރީހުގައިވެސް ނުވަ މަސްދުވަހުގެ ތެރޭގައި ހޯދި އެންމެ ބޮޑު ސާފު ފައިދާއެވެ. ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 36 ޕަސަންޓު އިތުރު އަދަދެކެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އަރައި، 14 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފައެވެ. އަދި ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ 38 ޕަސަންޓުގައި ހުރިއިރު، މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 ޕަސަންޓަށްވުރެ ތިންގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ މުއާމަލާތްތައް 2.86 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޑޮލަރު ވިއްކުމުގެ ގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވަނީ ކަސްޓަމަރުންނަށް ދޫކޮށްފައެވެ.

މި ނަތީޖާ ހާސިލުކުރެވުނީ އިގުތިސޯދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރުން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 ޕަސަންޓުގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާހައުލެއްގައި މި ނަތީޖާ ހާސިލުކުރެވިފައިވުމަކީ ކުރިއަށް އޮތްތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.