އޮންލައިންކޮށް ވިޔަފާރިކުރުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ބައިވެރިވި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި މީހަކު ވަނީ ޓޭމޫ ފަދަ އީ-ކޮމާސް ޕްލެޓްފޯމުތަކުން ވިޔަފާރިކުރުމުގައި މިހާރު ދިމާވާ ދަތިތައް ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސްގެ އަރިހުން އެދިފައެވެ. އަދި އޮންލައިން ވިޔަފާރީގައި ދިމާވާ މި ދަތިތައް ހައްލުކޮށްދެއްވައިފިނަމަ، ރައީސަށް ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، އޮންލައިން ވިޔަފާރިކުރުމުގައި އާންމުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެކަމަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ އާންމުންނާއި ކުދި ވިޔަފާރިވެރިން އޮންލައިން ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުން އަންނައިރު، މި ވިޔަފާރިތަކަށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ދަތިތަކާ ކުރިމަތިލާންޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ބޭރު ފައިސާގެ މުއާމަލާތްތަކާއި އޮންލައިން ޕޭމަންޓްތަކަށް ގެނައި މި ބަދަލުތަކާ ގުޅިގެން އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.

އޮންލައިންކޮށް މުދާ ގަތުމަށް އެޅި ހުރަސްތަކާ ގުޅިގެން ސަރުކާރަށާއި ބޭންކުތަކަށް އާންމު ރައްޔިތުންގެ ފާޑުކިޔުން ބޮޑުވެފައިވާއިރު، މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.