ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައިވެސް ދުނިޔެއާ މުޅިން ވަކިން ސިއްރުތަކުން ފުރިފައިވާ ތަންތަން ހުރުމަކީ ގަބޫލުކުރަން އުނދަގޫނަމަވެސް ހަގީގަތެކެވެ. މި ތަންތަނާއި ބެހޭގޮތުން އެނގޭވަރު މަދުވުމުން މިތަންތަނަށް ދިއުމަށް އިތުރަށް ބޭނުންވެއެވެ. މިލިޔުން ކިޔާލުމުން ވެސް މިތަންތަން ބެލުމުގެ ޝައުޤު އިތުރުވާނެއެވެ.

  1. ލަސްކޯ ކޭވް، ފްރާންސް

ލަސްކޯ ހޮހޮޅައަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ ތާރީޚް ބަލާމީހުން ވަރަށް ޝައުގުވެރިވާ ތަނެކެވެ. މި ހޮހޮޅައިގެ ކައިރީގައި މީގެ 17،300 އަހަރު ކުރީގެ ތާރީޚީ ކުރެހުންތައް ހުރެއެވެ. ބިރުވެރި ކުރެހުންތަކުން ފެށިގެން ގެރިބަކަރި އާ ފުއްލާފަދަ ޖަނަވާރުންގެ ކުރެހުންވެސް ހުންނަ މިތަން 1963 އިން ފެށިގެންވަނީ އާންމުންނަށް ބަންދުކޮށްފައެވެ. ތާރީޚީތަންތަން ޙިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުގެ އެދުމުގެ މަތިން މިތަން ބަންދުކުރެވުނީ މިތަނަށް ގެއްލުމެއްވެ ގަދީމީ ކުރެހުންތައް ނެތި ހިނގައިދާނެކަމުގެ ބިރަށެވެ.

  1. ނޯތު ސެންޓިނަލް އައިލެންޑް، އިންޑިޔާ

އަންޒަމާނު ކަރައިގެ ރަށެއްކަމަށްވާ ނޯތު ސެންޓިލްއަކީ އެތަނުގައި ދިރިއުޅޭ ގަބީލާގެ މީހުން ވަރަށް ބޮޑަށް ޙިމާޔަތްކޮށްގެން ގެންގުޅޭ ރަށެކެވެ. މީގެ 50 ހާސް އަހަރު ކުރިންސުރެ މީހުން ދިރިއުޅެމުންދާކަމަށް ބެލެވޭ މިރަށް އޮންނަނީ އިންޑިޔާ ސަރުކާރުގެ ބެލެމުގެދަށުގައެވެ. މިރަށަށް އެއްވެސް ބަޔަކު އަރަށް މަސައްކަތްކޮށްފިނަމަ އެރަށުގައި އުޅޭ މީހުން އެބަޔަކަށް ގެއްލުންދޭން މަސައްކަތް ކުރާނެއެވެ. އެހެންކަމުން މިއީ މުޅި ދުނިޔޭގައިވެސް އޮންނަ އެންމެ ނުރައްކާތެރި އެއްތަނުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

  1. ސަރޓްސީ އައިލެންޑް، އައިސްލެންޑް

މިއީ އައިސްލޭންޑްގެ ދެކުނުގައި އޮންނަ ޖަޒީރާ ރަށެކެވެ. ބުނެވޭ ގޮތުގައި މިއީ ހަތަރު އަހަރުވަންދެން އަލިފާންފަރުބަދަ އެއް ގޮވުމަށްފަހު އުފެދުނު ރަށެކެވެ. މިއީ މިގޮތަށް އުފެދިފައިވާ އެންމެ އާ ރަށްކަމަށްވެސް ވެއެވެ. ވަރަށް ފަހުން މިރަށްވަނީ ސައިންޓިސްޓުންނާއި ދިރާސާކުރާ ފަރާތްތަކަށް ހުޅުވާލާފައެވެ. މިރަށް ފަތުރުވެރިންނަށް ބަންދުކޮށްފައި އޮންނަނީ އިންސާނުން ޒިޔާރަތްކޮށް ހަދާނަމަ، ގުދުރަތީގޮތުން މިރަށް އުފެދެމުން އަންނަގޮތަށް ބަދަލެއް އަތުވެދާނެކަމަށްޓަކައެވެ.

  1. އިސޭ ގްރޭންޑް ޝްރައިން، ޖަޕާން

ޖަޕާނަކީ އެގައުމުގައިވާ 80،000 އަށްވުރެ ގިނަ އަޅުކަންކުރާ ތަންތަނުގެ ސަބަބުން މަޝްހޫރުވެފައިވާ ގައުމެކެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސޭ ގްރޭންޑް ޝްރައިން އެވެ. މިތަން ފަރުމާކޮށްފައިވާ ގޮތުންނާއި ގެންގުޅެފައިވާ ފަންނުވެރިކަމުގެ ސަބަބުން މިއީ ޖަޕާނުގައިވާ އެންމެ އަގުބޮޑު މިފަދަ މަޤްބަރާއެވެ. މިތަނަށް އަޅުކަން ކުރަންދާ މީހުންގެ ސަގާފަތުގެ ތެރެއިން ކޮންމެ 20 އަހަރަކުން އެއްފަހަރު މިތަން އަލުން އިމާރާތްކުރެއެވެ. 8 ވަނަ ގަރުނުން ފެށިގެން ކުރަމުން އަންނަ މި މަސައްކަތަށް ކޮންމެ ފަހަރަކު އެތައް މިލިއަން ޑޮލަރެއް ހޭދަވެއެވެ. މިތަނަށް ވަދެވެނީ ހަމަ އެކަނި ޖަޕާނުގެ ޝާހީ އާއިލާގެ މެމްބަރުންނަށެވެ.  

  1. ނޯތު ބްރަދަރ އައިލެންޑް، އެމެރިކާ

ނިއުޔޯކް ސިޓީގައިވާ މި ރަށަކީ އެމެރިކާގައި މަނާކުރެވިފައިވާ ތަންތަނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަނެވެ. މިއީ އެންމެ ފުރަތަމަ މީހުން ކަރަންޓީނު ކުރުމަށްޓަކައި ތައްޔާރުކުރެވުނު ހޮސްޕިޓަލެކެވެ. އެމެރިކާއިން އެންމެ ފުރަތަމަ ޓައިފޮއިޑް ޖެހުނު މޭރީ ވެސް ކަރަންޓީނުކޮށްފައި ހުރީ މިތަނުގައެވެ. ފަހުން މަސްތުވާތަކެތި ބޭނުންކުރާމީހުން ރީހެބިލިޓޭޓް ކުރުމަށްވެސް މިތަން ބޭނުން ކުރެވުނެވެ. މިހާރު މިތަނުގައި، ހިމާޔަތް ކުރެވިފައިވާ ދޫނިތަކަށް ޚާއްސަ ޕާކެއް ހަދާފައި ހުރިނަމަވެސް މިތަނަށް އާންމުންވަނުން ވަނީ މަނާކޮށްފައެވެ.

  1. ޑުލްސޭ ބޭސް، އެމެރިކާ

ޑުލްސޭ އަކީ ކޮލަރާޑޯ އަދި ނިއު މެކްސިކޯ ބޯޑަރު ކައިރީގައިވާ ވަރަށް މުސްކުޅި ނަމަވެސް ޗާލު އަވަށެކެވެ. 2،600 މީހުންގެ އާބާދީއެއް އޮންނަ މި އަވަށުގެ ބިމުއަޑީގައި، ގަބޫލުކުރަން ދަތިވާ ވަރުގެ ބިރުވެރި ތަހުލީލުތައް ކުރެއެވެ. ސެކިއުރިޓީ ވަރުގަދަކޮށްފައިވާ މި އަވަށުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާކަމަށްވެއެވެ. ބުނެވޭގޮތުގައި މިތަނުގައި އިންސާނުންނާއި ޖަނަވާރުންގެ ސެލްތައް އެއްކޮށްގެން ދިރުން އުފެއްދުމުގެ މަސައްކަތް ކުރެއެވެ. މިއީ މުޅި ދުނިޔޭގައި އަދި އެމެރިކާގައި ވެސް މަނާކުރެވިފައިވާ ތަންތަނުގެ ލިސްޓުގެ ކުރީގައި ހިމެނޭ ތަނެކެވެ.

  1. ހަރޑް އައިލެންޑް، އޮސްޓްރޭލިޔާ

އާންމުންނަށް އެންމެ ބޮޑަށް ފޮރުވިފައިވާ އެއް ރަށް ކަމަށްވާ ހާރޑް އައިލެންޑަކީ އެންޓަރޓިކާ އަދި މަޑަގަސްކަރައާއި ދެމެދު އޮންނަ ރަށެއް ނަމަވެސް މިރަށް އޮންނަނީ އޮސްޓްރޭލިޔާގެ ބެލުމުގެ ދަށުގައެވެ. މިރަށުގައި އާންމުކޮށް ގޮވާ އަލިފާން ދެ ފަރުބަދަ ހުރުމުގެ އިތުރުން މިރަށުގައި އެހެން ދިރުމެއް ނުވެއެވެ. މުޅި ރަށުގައި އޮންނަނީ އަލިފާން ފަރުބަދައިން ފައިބާ އަޅި އާއި އެފަދަ ކުނި ބުންޏެވެ. މިރަށުގެ ވަށައިގެންވާ ނާޒުކު ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި އޮސްޓްރޭލިޔާގެ ސަރުކާރުންވަނީ މިރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

  1. ޑޫމްސްޑޭ ވޯލްޓް، ނޯރވޭ

މިއީ ދުނިޔޭގައިވާ ހުރިހާބާވަތެއްގެ ގަސްގަހާގެހީގެ އޮށް ރައްކާ ރަށެވެ. މޫސުމަށް އަންނަ ބަދަލު ނުވަތަ ގުދުރަތީ އެހެންވެސް ކާރިސާއެއްގެ ސަބަބުން އެއްވެސް ގަހެއް ނެތި ހިނގައިދާނެ ކަމުގެ ބިރަށް، ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ވަށިގަނޑުތައް ފުރެންދެން އޮށް ގެނެސް، ދިގު މުއްދަތަށް ރައްކާކުރާ މިރަށް ހުޅުވާލަނީ ވަރަށް ޚާއްސަ ބަޔަކަށް ވަކި ދުވަސްތަކެއްގައެވެ.

  1. ސްނޭކް އައިލެންޑް، ބްރެޒިލް

މިއީ އެތައް ހާސް ވިހަ ހަރުފަ ތަކަކުން ފުރިފައިވާ ރަށެކެވެ. އެއްވެސް އިންސާނަކު ހަމަ ހޭގައި ހުރެގެން މިރަށަށް އަރަންވެސް ނުވިސްނާނެއެވެ. މިރަށަށް އެރުން މަނާކޮށްފައިވަނީ މިރަށުގެ ނުރައްކާތެރިކަމުގެ ސަބަބުންނެވެ. ގޯލްޑަން ލޭންސްހެޑް ނަމުން މަޝްހޫރުވެފައިވާ ދުނިޔޭގެ އެންމެ ނުރައްކާތެރި ހަރުފައިގެ 4،000 ހަރުފަ މިރަށުގައި ވާކަމަށް ލަފާކުރެވެއެވެ. މިއީ ބްރެޒިލް އަދި ދުނިޔޭގެ މަނާކުރެވިފައިވާ ތަންތަނުގެ ލިސްޓުގެ ކުރިން ޖާގަ ލިބިފައިވާ ރަށެކެވެ.

  1. އޭރިޔާ 51، އެމެރިކާ

ފޮރުވިފައިވާ އެތައް ސިއްރުތަކެއްވާ އޭރިޔާ 51 އަކީ ނެވާޑާގެ ދެކުނުގައިވާ އަސްކަރީ ބޭސް އެކެވެ. މިތަނުގައި ހަތިޔާރު އަދި ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޓެސްޓްކުރާ ކަމަށް ބުނެވެއެވެ. މީގެ އިތުރުން ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިތަނުގައި އެހެން ޕްލެނެޓްތަކުގެ ދިރުންތަކާ ބެހޭ ސިއްރުތައް ރައްކާކޮށްފައިވެއެވެ. އެހެންކަމުން މިތަނަކީ އާންމުންނަށް މުޅިން މަނާ ތަނެކެވެ. މިތަނަކީ އޮންނަ ތަނެއްކަމަށް ގަބޫލުކުރަންވެސް އެމެރިކާގެ ރަސްމީ އިދާރާތަކުން ބޭނުމެއް ނުވެއެވެ. މިއީ އެހާވެސް ފޮރުވައިގެން ގެންގުޅޭ ތަނެކެވެ.

  1. ޤިން ޝި ހުއަންގ ގެ މަޤްބަރާ، ޗައިނާ

ޗައިނާގެ އެންމެ ފުރަތަމަ އެމްޕެރަރ ކަމަށްވާ ޤިން ޝި ހުއަންގ ވަނީ މީގެ 2،000 އަހަރު ކުރިން ފެށިގެން އަހުރާމެއްގެ ދަށުގައި ވަޅުލާފައެވެ. އެއީ މިހާތަނަށް ހޯދުނު އެންމެ މުހިންމު ތާރީޚީ އެއް ބިނާއެވެ. ނަމަވެސް ތާރީޚް ދިރާސާކުރާފަރާތްތަކަށް މިތަން އެއްކޮށް ދައްކާފައެއް ނުވެއެވެ. ގިނަ ބައިތައްވަނީ ފޮރުވާފައެވެ. ބުނެވޭ ގޮތުގައި އެމްޕަރަރ ވަޅުލާފައިވާ ތަނުގައި، "އޭނާ މަރުވުމަށްފަހު ބޭނުންޖެހިދާނެ ވަރަށް ގިނަ ސާމާނު" ވާނެއެވެ. މި ޤަދީމީ ބިނާ އަށް ގެއްލުންވެދާނެތީ މިތަން ކޮނުމުގެ ހުއްދަ ޗައިނާގެ ސަރުކާރުން އެއްވެސް ފަރާތަކަށް ނުދެއެވެ. އަދި މި މަޤްބަރާއަށް ޒިޔާރަތްކުރުންވެސް ވަނީ މަނާކޮށްފައެވެ.

  1. ޕްރަސިކާ ބްރާނާ، ޗެކް ރިޕަބްލިކް

ޗެކް ރިޕަބްލިކުން އެންމެ ފާހަގަ ކޮށްލެވޭ އެއް ތަން ކަމަށްވާ ޕްރަސީކާ ބްރާނާ އެވެ. މިއީ ޔޫރަޕްގައި ވެލިގަލުން ހެދިފައިވާ މިފަދަ އެންމެ ބޮޑު ތަނެވެ. ކުރިން މިތަނަކީ ފަތުރުވެރިންނަށް ހުޅުވާ ލެވިފައިވާ ތަނެކެވެ. ނަމަވެސް މިތަނަށް ގިރައިގެން ހިނގައިދާނެކަމުގެ ބިރަށް މިހާރު މިތަނަށް މީހުން ވަނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ތާރީޚީ ބިނާތައް ބަލަހައްޓާ ފަރާތްތަކުން ދެކޭގޮތުގައި މީހުން މިތަނަށް އަޔަސް ނަޔަސް މިތަން އަވަސް މުސްތަގުބަލެއްގައި ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

  1. ނިހާއު އައިލެންޑް، އެމެރިކާ

160 މީހުންގެ އާބާދީ އެއް އޮންނަ ނިހާއު އައިލެންޑް ވަނީ އާންމުންނަށް ޒިޔާރަތް ނުކުރެވޭހެން ބަންދުކޮށްފައެވެ. މިތަނަށް ދެވޭނެ ހަމައެކަނި ގޮތަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހަކަށްވުމެވެ. ނުވަތަ އެރަށުގެ ރަށްވެހިންގެ ތެރެއިން މީހެއްގެ ތިމާގެ މީހަކަށް ވުމެވެ. މިތަނަށް މީހުން ދިއުން މަނާކޮށްފައިވަނީ މިރަށުގެ ތިމާވެއްޓާއި އެތަނުގައި ދިރިއުޅޭ ވަލު ޖަނަވާރު ހިމާޔަތް ކުރުމަށެވެ.