14 ޖޫންގައި މަރުވި ސުޝާންތު ސިންގު މަރުވީ އަމިއްލައަށް ކަމަށް މުމްބައި ފުލުހުން ބުނެފައިވަނިކޮށް، މި މައްސަލަ އާއިލާގެ ފަރާތުން އިތުރަށް ބެލުމަށް އެދިގެން މިހާރު ސީ.ބީ.އައި އިން ތަހުގީގި ކުރަމުން ދަނިކޮށް މުޅިން އާ މިސްރާބަކަށް މައްސަލަ ގޮސްފިއެވެ. މި މައްސަލައިގައި މަނީ ލޯންޑްރިންގެ ކަމެއް ހިނގާފައި ވޭތޯ ބެލުމަށް އީ.ޑީ (އެންފޯސްމަންޓް ޑިރެކްޓޮރޭޓް) އިން އަންނަނީ ރިޔާ ޗަކްރަބަރްތީ ގެ އާއިލާގެ އިތުރުން އޭނާ އާ ގުޅުން އޮންނަ އެތައް ފަރާތެއް ހާޟިރުކޮށް ސުވާލު ކުރަމުންނެވެ. އީ.ޑީގެ ތަހުގީގަށް ރިޔާ ފޯނުގައި ހުރި މައުލޫމާތު ބަލަމުން ގޮސް އެއިން ފޮހެލާފައި ހުރި ވަރަށް މުހިންމު ވަޓްސްއަޕް މެސެޖްތަކެއް ވަނީ އިޔާދަ ކޮށްފައެވެ.
މި މެސެޖްތަކުން ފާޅުކަން ބޮޑު ގޮތެއްގައި ހާމަ ވެގެން ދިޔައީ ރިޔާ ޗަކްރަބަރްތީ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ އިތުރުން އެތަކެތީގެ ވިޔަފާރީގައިވެސް އޭނާގެ ބައިވެރިވުން އޮތް ކަމެވެ. ރިޔާގެ ފޯނުން ފެނުނު 80 އަށްވުރެ ގިނަ މެސެޖް ގެ ތެރޭގައި، ސުޝާންތުއަށް ދިން މަސްތުވާ އެއްޗަކީ ތެލެއްގެ ގޮތުގައި ހުރި އެއްޗެއް ކަމާ ކޮންމެ ދުވަހަކު 2 ނުވަތަ 3 އިރު، ކޮފީ ނުވަތަ ޖޫސްފަދަ އެއްޗަކަށް އަޅައިގެން ދެވިދާނެ ކަމަށް، އޭނާގެ ރަހްމަތްތެރިޔަކު ބުނާ މެސެޖް ވެސް ވެއެވެ. މީގެ އިތުރު ސުޝާންތުގެ ކާބޯތަކެއްޗާ އެއްކޮށްގެން ސުޝާންތުއަށް މަސްތުވާ ތަކެތި ދެމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް މި މެސެޖުތަކުން ދޭހަވެއެވެ. އީ.ޑީ އަކީ މާލީ މުޢާމަލާތްތައް ބަލާ ޑިޕާޓްމަންޓެއްކަމުން އީ.ޑީ އިން ވަނީ މި ހެކިތައް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އާ ހަވާލު ކޮށްފައެވެ. އަދި މި ބިއުރޯއިން ވަނީ މިކަމުގެ ތަހުގީތުތައް ފަށާފައެވެ.
ސުޝާންތުގެ މަރުގެ ތަހުގީގަށް އިތުރުވި މި މިސްރާބުގެ ސަބަބުން ބޮލީވުޑްގެ މަތީ ފަންތީގެ މީހުނާއި ސިޔާސީ އިސްވެރިން އަދި އެމީހުންގެ ދަރިންގެ ނަން ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
