ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮނުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ޝަރުއީ ރުގްޔާގެ ނިވަލުގައި ބައެއް މީހުން ގަބުރުސްތާނުތަކަށް ވަދެ މަހާނަ ކޮންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ސިހުރު ހޯދުމުގެ ނަމުގައި މަހާނަ ނަގައި ނުވަތަ ކޮނެގެން ހިންގާ މިފަދަ އަމަލުތަކަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި އެއްވެސް އަސާސެއް ނެތް، ދީނީ ގޮތުން މަނާ ހަރާމް ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝަރުއީ ރުގްޔާއަކީ ބަލިމީހާގެ ޝިފާއަށް އެދި ގުރުއާން ކިޔަވައި ފުމުމާއި، ކިޔެވި ފެން ބޯންދިނުމުގެ އިތުރުން ސުންނަތުން ސާބިތުވާ ދުއާތައް ކިޔުން ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ. ހުރިހާ ބައްޔަކަށް ޝިފާ ދެއްވަނީ ﷲ ކަމަށާއި، ދުއާކުރުމާއެކު ސިއްހީ ފަރުވާ ހޯދުމަކީ އިސްލާމްދީން ބާރުއަޅާ ގޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރުގްޔާގެ ނަމުގައި ދީނާ ހިލާފު ކަންކަން ކުރަމުންދާ ފަރާތްތަކާމެދު އާންމު ރައްޔިތުން ސަމާލުވެ، އެފަދަ ނުރައްކާތެރި އަމަލުތަކުން ރައްކާތެރިވެ ތިބުމަށް އިސްލާމިކް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
