މުދާ ތާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ޒަކާތް ދެއްކުމަކީ މުދަލުގައިވާ ﷲގެ ހައްގެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ މުދަލަކީ މާތް ﷲ އިންސާނުންނާ ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށެވެ.

ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެތިކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ހަވާލުކުރެވިފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން މުދާ ބޭކާރުކޮށްލުމާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަރަދުކުރުމަކީ އަމާނާތަށް ހިޔާނާތްތެރިވުން ކަމަށް ބުނެފައިވެއެވެ.

ގިޔާމަތް ދުވަހު އިންސާނާގެ ކިބައިން މުދާ ހޯދީ ކޮންތަނަކުން ކަމާއި، އެ މުދާ ހޭދަކުރީ ކޮން ކަމަކަށް ކަން ސުވާލުކުރެވޭނެއެވެ. އެހެންކަމުން އަމިއްލަ އަނބިދަރިންނާއި، މައިންބަފައިންނާއި، ބަލަހައްޓަންޖެހޭ އެންމެހައި މީހުންނަށް ކުރާ ހަރަދަކީ އެންމެ ދަރުމަ ބޮޑުވެގެންވާ އެއް ވާޖިބު ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމްދީން ބާރުއަޅަނީ މާތް ﷲ ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ހަލާލު ގޮތުގައި މުދާ ހޯދުމަށް ކަމަށް ހުތުބާގައި ބުންޏެވެ. ތެދުވެރިކަމާއެކު ކުރާ މަސައްކަތާއި، ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުއާމަލާތްތަކަކީ ހަލާލު މުދަލެވެ. އަދި ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ހީލަތާއި، ވައްކަންކުރުމާއި، ޖުވާކުޅުން ފަދަ ކަންކަމަކީ ހަރާމްކުރައްވާފައިވާ ކަންކަން ކަމަށް ބުނެފައިވެއެވެ.

މުދަލަށް އޮންނަ ދަހިވެތިކަމާއި ލޯބި އޭގެ އިމުން ބޭރުވެއްޖެނަމަ، އިންސާނާގެ ދީންވެރިކަމާއި އަހުލާގަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. ދުނިޔެމަތީގައާއި އާހިރަތުގައި ކާމިޔާބު ލިބޭނެ މަގަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް މުދާ ހޯދައި، ހަގީގީ މާނާގައި އެއީ އަމާނާތެއް ކަމުގައި ދެކިގެން އަމަލުކުރުން ކަމަށް ހުތުބާގައި ބުންޏެވެ.