އިރުން އައި ބާރުގަދަ ތޫފާނަކާ ގުޅިގެން، މި ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ގައުމުތަކުން އެލާޓް ނެރެފިއެވެ. 

ޖައްވީ މޫސުމާ ބެހޭ އިދާރާތަކުން ބުނީ، އިރުން ފޮނުވާލި ބާރުގަދަ ދޯދިތަކެއްގެ ސަބަބުން އޮކްޓޯބަރު 9 އިން 11 އަށް 'ޖީ3' ދަރަޖައިގެ ގިއޮމެގްނެޓިކް ސްޓޯމެއް އަންނާނެ ކަމަށެވެ. މީގެ ސަބަބުން އެކި ގައުމުތަކަށް އެކި ގޮތްގޮތުން އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
 މި ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިވަނީ
އެމެރިކާ، ކެނެޑާ އަދި ލެޓިން އެމެރިކާގެ ގައުމުތަކަށެވެ. މިގޮތުން އެމެރިކާ އަދި ކެނެޑާގެ ވައިގެ ދަތުރުފަތުރާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ބޭނުންކުރާ ރޭޑިއޯ ސިގްނަލްތަކަށް ގަޑިއިރެއްހާއިރަށް ބުރޫއެރިއެވެ. މީގެ އިތުރުން މެކްސިކޯ، ކޮލަމްބިއާ އަދި ބްރެޒިލް ފަދަ ގައުމުތަކުގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ މުވާސަލާތީ ނިޒާމުތަކަށްވެސް ވަގުތީ ގޮތުން ދަތިތަކާ ކުރިމަތިވިއެވެ.

މި ތޫފާނުގެ ސަބަބުން އުތުރު ތަނޑީގެ ގައުމުތަކުގެ ކަރަންޓު ވިއުގަތަކަށް ގެއްލުންވެދާނެ ކަމުގެ ބިރު އޮތުމުން، އެ ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. ކެނެޑާގެ ގައުމީ ކަރަންޓު ވިއުގައިން ވަނީ ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ނޯވޭ، ސްވިޑަން އަދި ފިންލެންޑް ފަދަ ގައުމުތަކުގެ ކަރަންޓު ކުންފުނިތަކަށާއި ސެޓެލައިޓް އޮޕަރޭޓަރުންނަށް ވަނީ އޮޓޮމެޓިކް އެލާޓްތައް ލިބިފައެވެ. ނަމަވެސް މިހާތަނަށް ކަރަންޓު ކެނޑުމުގެ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

ޖައްވީ މޫސުން ދިރާސާކުރާ އިދާރާތަކުން ބުނީ، ގިނަ ގައުމުތަކަށް މި ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ފެންނާނީ އުޑުމަތިން ފެންނަ ރީތި ކުލަތައް ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެޓް އޮފީހުން ބުނީ މޫސުން ސާފުނަމަ ސްކޮޓްލެންޑާއި އަޔަލެންޑަށް ނޮދަން ލައިޓްސް ވަރަށް ރީތިކޮށް ފެންނާނެ ކަމަށެވެ. އަދި އެމެރިކާގެ އުތުރުގެ ސްޓޭޓްތަކަށްވެސް މި ރީތި މަންޒަރު ފެންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އުތުރު ތަނޑީގެ ގައުމުތަކުގެ އިތުރުން ދެކުނު ތަނޑީގެ ގައުމުތަކަށްވެސް މި ތޫފާނުގެ ސަބަބުން އުޑުމަތިން ރީތި މަންޒަރުތަކެއް ފެންނާނެއެވެ. އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުގެ ޖައްވީ މޫސުން ބަލަހައްޓާ އިދާރާތަކުން އަންނަނީ މި ތޫފާން މޮނިޓާކުރަމުންނެވެ. މިގޮތުން އޮސްޓްރޭލިއާގެ ޓެސްމޭނިއާ އަދި ނިއުޒީލެންޑުގެ ސައުތު އައިލެންޑުގެ އުޑުމަތިން 'އަރޯރާ އޮސްޓްރޭލިސް' ގެ ރީތި ކުލަތައް ފެންނާނެ ކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.