އޮސްޓްރޭލިއާގެ އުނިވަރސިޓީ އޮފް ދަ ސަންޝައިން ކޯސްޓުން ކުރިއަށްގެންދިޔަ ހަ މަސްދުވަހުގެ ދިރާސާއަކުން ދައްކާގޮތުގައި، އިސްރަށްވެހިންގެ ހަށިގަނޑުގައި ހުންނަ މަސްތައް ހިފަހައްޓައިދީ، ސަރުބީ މަދުކުރުމަށް އެންމެ އެކަށީގެންވާ ކަސްރަތަކީ "ހައި-އިންޓެންސިޓީ އިންޓަވަލް ޓްރޭނިންގ" (އެޗް.އައި.އައި.ޓީ) އެވެ. އުމުރުން ދުވަސްވުމުން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބެހެއްޓުމަކީ އާންމު ދިރިއުޅުމުގެ ހަރަކާތްތައް އަމިއްލައަށް ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ބަރުދަން ލުއިކުރުމުގެ ތެރޭގައި ސަރުބީގެ އިތުރުން މަސްތައްވެސް މަދުވެގެންދެއެވެ.

މި ދިރާސާގައި އެވްރެޖްކޮށް 72 އަހަރުގެ 123 އިސްރަށްވެހިން ބައިވެރިވި އިރު، އެމީހުން ވަނީ ތަފާތު ތިން ބަޔަކަށް ބަހާލައިގެން ހަ މަސް ދުވަސް ވަންދެން ހަފުތާއަކު ތިން ދުވަހު ކަސްރަތުކޮށްފައެވެ. އެއީ ވަރަށް ވަރުގަދައަށް ކުރު މުއްދަތަކަށް ކަސްރަތުކުރުމަށްފަހު އަރާމުކުރާ އެޗް.އައި.އައި.ޓީ ހަދާ ގްރޫޕާއި، މެދުކެނޑުމެއްނެތި މެދުމިންވަރަކަށް ކަސްރަތުކުރި ގްރޫޕުގެ އިތުރުން މަޑުމައިތިރިކޮށް ކަސްރަތުކުރި ގްރޫޕެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި މެދުމިންވަރަކަށް ކަސްރަތުކުރި މީހުންގެ ހަށިގަނޑުން ސަރުބީ މަދުވި އިރު، އެމީހުންގެ ހަށިގަނޑުގެ މަސްތަކުގެ މާސްވެސް މަދުވިއެވެ. ނަމަވެސް އެޗް.އައި.އައި.ޓީ ކަސްރަތުކުރި އިސްރަށްވެހިންގެ ހަށިގަނޑުން ސަރުބީ މަދުވުމުގެ އިތުރުން، އުނަގަނޑު ކައިރީގެ ސަރުބީ ކެނޑި، އެމީހުންގެ މަސްތަކުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓިފައިވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އެޗް.އައި.އައި.ޓީއިން މިފަދަ ރަނގަޅު ނަތީޖާއެއް ލިބެނީ، ވަރުގަދައަށް ކުރާ ކަސްރަތުގެ ސަބަބުން މަސްތަކަށް ލިބޭ ބާރާއި ސިގްނަލްތަކުގެ ސަބަބުން ހަށިގަނޑުން މަސްތައް އުނިކުރުމުގެ ބަދަލުގައި އެ މަސްތައް ރައްކާތެރިކޮށްދޭތީއެވެ. އެހެންކަމުން، އުމުރުން ދުވަސްވާއިރު ސިއްހަތު ރަނގަޅުކޮށް، ދުޅަހެޔޮކޮށް ހުރުމަށްޓަކައި އެޗް.އައި.އައި.ޓީ ކަސްރަތަކީ އިސްރަށްވެހިންނަށް ވަރަށް ފައިދާހުރި ވަސީލަތެކެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.