ކަޅުސައިބުއިމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ނަމަވެސް، ކާނާއާއެކު ނުވަތަ އެއްޗެއް ކާ ވަގުތު ސައިބުއިމަކީ ހަށިގަނޑަށް ބައެއް ކަހަލަ ނޭދެވޭ އަސަރުތައް ކުރުވާފާނެ ކަމެކެވެ. ކެއުމުގެ ވަގުތުގައި ސައި ބުއިމުން ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްސް އެބްސޯބްކުރުމަށް (ހަށިގަނޑަށް ނެގުމަށް) ހުރަސްއެޅޭކަން ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ ކަޅުސައިގައި އެކުލެވޭ 'ޓެނިންސް' އަދި 'ޕޮލިފެނޯލްސް' ގެ ސަބަބުން ކާނާގައި ހުންނަ ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައިދިނުމަށް ހުރަސްއެޅުމެވެ. ޚާއްޞަކޮށް ތަރުކާރީއާއި ގަސްގަހާގެއްސާއި މޭވާ ފަދަ ތަކެތިން ލިބޭ "ނޮން-ހީމް އަޔަން" (ދަގަނޑުގެމާއްދާގެ ބާވަތެއް) ހަށިގަނޑަށް ނެގުން ސައިގެ ސަބަބުން މަދުކޮށްލައެވެ. މީގެ ސަބަބުން ލޭމަދުވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
އޭގެ އިތުރުން، ކެއުމާއެކު ކަޅުސައި ބުއިމުން ބައެއް މީހުންގެ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ބަދަލުތަކެއް އާދެއެވެ. ސައިގައި ހުންނަ ކެފެއިންގެ ސަބަބުން ބަނޑުގައި އެސިޑް އުފެދޭ މިންވަރު އިތުރުވެ، ބަނޑުފުރުމާއި، އެސިޑިޓީ މައްސަލަތައް ކުރިމަތިވެދާނެއެވެ. މީގެއިތުރުން ކެއުމުގައި ހުންނަ ކެލްސިއަމް ފަދަ އެހެނިހެން މާއްދާތައް ވެސް ހަށިގަނޑަށް ފުރިހަމައަށް ނެގުމަށް ހުރަސްއެޅެއެވެ.
އެހެންކަމުން، ސައިގެ ފުރިހަމަ ފައިދާ ހޯދުމަށާއި ކާނާއިން ލިބޭ ނިއުޓްރިއެންޓްސް ހަށިގަނޑަށް ލިބިގަތުމަށްޓަކައި، ކެއުމަށްފަހު މަދުވެގެން 1 ގަޑިއިރު ނުވަތަ 45 މިނެޓު ފަހުން ސައިބުއިން ބުއްދިވެރިއެވެ. ސައިބުއިން، ކެއުމުގެ ވަގުތާ ދުރުކޮށްލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަވާލާ: ހެލްތް ލައިން 2025.
