ކެޕްޓް ސިނެމާ ފިލްމްސްގެ އާ ލަވަ "ހަނދު" ކާލާމަންނަ އިވެންޓުގެ ތެރެއިން ރަސްމީކޮށް ނެރެ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ. ފަސީ ނެރެދިން މި ލަވައިން ފެނިގެންދަނީ އަޖްނާޒް އަލީ އާއި ޝަހީދާ އަހުމަދު (ޑޯރާ) ގެ އިތުރުން މަގުބޫލު އެކްޓަރު ކޮޕީ އިސްމާއިލް ރަޝީދެވެ. މި ލަވައަކީ ލޯބީގެ ތަފާތު އިހުސާސްތަކާއި އޭގެ ބާރުވެރިކަން ދައްކުވައިދިނުމަށް ތައްޔާރުކޮށްފައިވާ ހިތްގައިމު ލަވައެކެވެ.
މި ލަވައާ ގުޅޭގޮތުން ވާހަކަދައްކަމުން ކޮޕީ އިސްމާއިލް ރަޝީދު ބުނީ، މިއީ "ލޯބީގެ ބާރުވެރިކަން ދައްކައިދޭ ލަވައެއް" ކަމަށެވެ. އަދި އަޖްނާޒް ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ "ވަން ޕީސް" ލަވައެއް ގެނެސްދިނުމަށް ކަމަށާއި، މި ފަހަރު ގެނެސްދިން މި ލަވަވެސް "ވަން ޕީސް" ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން މި ލަވައަކީ ނިމޭއިރަށް އަލުން ޕްލޭކޮށްލަން ބޭނުންވާ ކަހަލަ ލަވައެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ފަތޯގެ އަޑުން ކިޔައިދީފައިވާ މި ލަވައިގެ ސްކްރީންޕްލޭ ތައްޔާރުކުރީ އަޖްނާޒް އަލީއެވެ. ލަވައިގެ ޕްރޮޑަކްޝަން ޑިޒައިނާއި ކޮރިއޮގްރަފީގެ މަސައްކަތް ކޮޕީ އިސްމާއިލް ރަޝީދު ކޮށްފައިވާއިރު، ވިޝުއަލް އިފެކްޓްސް ތައްޔާރުކުރީ ވިޝާލް ޒަކީއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ޗީފް ޓެކްނިކަލް އެޑްވައިޒަރަކީ މޫމިން ފުވާދެވެ. އަދި ލަވަ އެޑިޓްކޮށްފައިވަނީ އަހުމަދު އާސިމެވެ.
މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން އަޖްނާޒް ބުނީ "މި ޕްރޮޖެކްޓުގަ މަށާ އެއްކޮށް މަސައްކަތް ކުރި އެންމެންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން،" ކަމަށެވެ. ފަންނުވެރިންގެ ބުރަ މަސައްކަތާއެކު ނެރުނު މި ލަވައަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަވައިގެ ޓީމުން އުންމީދު ކުރެއެވެ.
މި ލަވަ ރަސްމީކޮށް ދައްކާލާފައިވަނީ ކާލާމަންނަ އިވެންޓުގެ ތެރެއިންނެވެ. އެ އިވެންޓުގެ ތެރެއިން ލަވަ ލޯންޗުކުރުމުގެ ފުރުސަތު ދިނީތީވެސް އަޖްނާޒް ވަނީ އިވެންޓް އިންތިޒާމުކުރި ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ގިނަ ފަންނާނުންތަކެއްގެ ހުނަރު އެކުލެވޭ މި ލަވައަކީ ދިވެހި މިއުޒިކް އުފެއްދުންތަކުގެ ތެރެއަށް އިތުރުވި ފާހަގަކޮށްލެވޭ އާ މަސައްކަތެކެވެ.
