ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހުގެ އުމްރާއަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މިއީ އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން އިންތިޒާމުކުރާ ހާއްސަ ދަތުރެކެވެ. ރޯދަ މަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ މި ދަތުރު އޮންނާނީ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ގަމުން ސީދާ ޖިއްދާއަށެވެ.

މި ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެންނެވެ. ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި މިއީ ދެކުނުގެ ރައްޔިތުން މާލެ އަންނަން ނުޖެހި، ފަސޭހަކަމާއެކު އުމްރާގެ އަޅުކަމަށް ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ނިންމި މުހިންމު ނިންމުމެކެވެ.

ހައްޖު ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕެކޭޖުތަކުގެ އަގުތަކަށް ބަލާއިރު، ރޯދަ މަހުގެ ފަހު 15 ގެ އުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. އަދި މުޅި ރޯދަ މަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ. އެ ކޯޕަރޭޝަނުން މިހާރު ވަނީ މި އުމްރާ ދަތުރުތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޖާގަ ކަށަވަރުކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް އަދި އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.

ހިދުމަތުގެ ފެންވަރާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖާޖީންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އުމްރާ ޕެކޭޖުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ހިދުމަތާއި ފާމަސީގެ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން ހިލޭ ވެކްސިން ޖަހައިދިނުމާއި، މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ހިދުމަތާއި މަދީނާގައި 3 ރޭ ހޭދަކުރުމާއި، ދިވެހި ކެއުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ އިތުރުން ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އިރުޝާދު ދިނުން ހިމެނެއެވެ.

މީގެ އިތުރުން އުމްރާ ކިޓާއި ބަގީގެ ހިދުމަތުގެ އިތުރުން ލޮކޭޝަން ޓްރެކިން ޑިވައިސްވެސް މި ޕެކޭޖުގެ ތެރެއިން ލިބިގެންދާނެއެވެ. ހައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި، ޖުލައި މަހާއި ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރޯދަ މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.