އިންސާނާ ދުނިޔޭގައި ދިރިހުރުމަށް ނޭވާލުމަކީ ޒަރޫރީ ކަމެކެވެ. އެގޮތުން ނޭވާ ލެވޭއިރު ކުދި ކުދި ނޭވަޔާއި ފުން ނޭވާތަކެއް ލެވެއެވެ. މިގޮތަށް ލެވޭ ނޭވާތަކުން ފުން ނޭވަޔަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާތަކެއް ކުރާނޭ ކަމެކެވެ. އެހެނަސް ފައިދާކުރާނީ ވަކި ގޮތަކަށް ލެވޭ ފުން ނޭވާ ތަކަކުންނެވެ.

ފައިދާކުރަނިވި ފުން ނޭވަޔަށް، ޑައިފްރަމިކް ބްރީތިން ނުވަތް ޑީޕް ބްރީތިންއޭ ކިޔާއެވެ. މިގޮތަށް ލެވޭ ނޭވާ ލެވޭނީ ނޭފަތުން ނޭވާ އެތެރެއަށް ދަމާލުމަށްފަހު އަނގައިން ބޭރުކުރުމުންނެވެ. އަނގައިން ނޭވާ ބޭރުކުރާއިރު، އަނގަ މާބޮޑަށް ނުހުޅުވާ، ކުޑަކޮށް ދެތުންފަތް ގާތްކޮށްލައިގެންނެވެ. އަދި ނޭވާ ފުންކޮށް ދަމާލަން ވާނެއެވެ. އަދި ނޭވާ ދޫކޮށްލަން ވާނީ ލަސްލަހުންނެވެ. މިގޮތަށް 10 ވަރަކަށް ފަހަރު ހުއްޓުމެއްނެތި ނޭވާ ލާން ވާނެއެވެ. މި ގޮތަށް ލެވޭ ނޭވަޔަކީ އާދައިގެ ނޭވަޔަކަށްވުރެ ބޮޑަށް އެހެން ފައިދާތަކެއް ކުރުވާ ނޭވާތަކެކެވެ.

ފުންކޮށް ލެވޭ މި ނޭވަޔަކީ އޭގެ ސަބަބުން ހާސް ކަމާއި ނުތަނަވަސްކަން އިންސާނާގެ ކިބައިން ފިލުވައިދޭނޭ ކަމެކެވެ. ހާސްވެ ނުތަނަވަސްވުމުން، އިންސާނާގެ ސިކުނޑިން ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް އުފައްދައެވެ. މިއީ ހާސްކަން އިހުސާސް ކުރުވާ ހޯމޯނެކެވެ. އެހެން ކަމުން ފުން ނޭވާ ތަކެއް ލުމުން، ހިތުގެ ހިނގުން ހަމަ އަކަށް އަޅުވައިދޭނެއެވެ. އަދި ލޭގެ ތެރެއަށް ގިނަ އަދަދަކަށް އޮކްސިޖަން ފޮނުވައިދޭނެއެވެ. އެގޮތުން ސިކުނޑިއަށްވެސް އޮކްސިޖަން ފޯރާ މިންވަރު އިތުރުވާނެއެވެ. ނަތީޖާއަކަށް ވާނީ ސިކުނޑީގެ ހިނގުން ހަމަ އަކަށް އެޅި، ހަމަޖެހުމަށް އެހީތެރިވުމެވެ. އެގޮތުން ކޯޓިސޯލް ހޯމޯން އުފައްދާ މިންވަރު މަދުކޮށްދީ، މީގެ އިތުރުން ފުން ނޭވާތަކެއް ލުމުން އެންޑްރޮފިންސް ނަމަކަށް ކިޔާ ހޯމޯނެއް އުފެދޭ މިއީ ހިތްހަމަޖެހުމާ އުފާވެރިކަން އިހުސާސް ކުރުވާ ހޯމޯނެކެވެ. މި ދެ ހަރަކާތުގެ ސަބަބުން އިންސާނާގެ ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދިނުމަށް މި ފުން ނޭވާ ތައް އެހީތެރިވެއެވެ.

ފުންކޮށް ލެވޭ މިފަދަ ނޭވާ ތަކުން، ހަށިގަނޑުގައި އަޅާ ވޭނެއް ނުވަތަ ރިހޭ ރިހުމެއް ނުވަތަ ވާ ތަދެއްނަމަ އެކަން ފިލުވައި ދިނުމަށް އެހީތެރިވެދެއެވެ. އެހެނީ އިސްވެ ދެންނެވުނު ފަދައިން އެންޑްރޮފިންސް ހޯމޯނުގެ ސަަބަބުން ތަދުގެ އިހުސާސް ކުރާލެއް ކުޑަވެ، ހިނިތުންވުމާއި އުފާވެރިކަން ވެރިކުރުވާނެއެވެ.

މީގެ އިތުރުން ލޭގެ ޕުރެސަރު ދަށްކޮށްދިނުމާއި ހަށިގަނޑުން ވިހަ ބޭރުކޮށްދިނުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާއި އަދި ހަށިގަނޑިގައި ވަރު ޖައްސައި ދިނުމަށް އެހީތެރިވެދޭނެއެވެ. ފުން ނޭވާތަކުން ލިއްބައިދޭ އެންމެ ބޮޑު އެއް ފައިދާ އަކީ ހާސްކަމުން މީހާ ދުރުކޮށް ހަމަޖެހުން ވެރިކޮށްދިނުމެވެ. އަޖުމަ ބަލައިލުމުގެ ގޮތުން މިކަން ތަޖުރިބާ ކުރައްވާށެވެ.