ނަފުސާނީ ބަލިތަކާ ގުޅުވައިގެން މުޖުތަމައުގައި ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލައި، އެންމެންގެ އަޑުއެހުމާއި އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންނަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، ވަށައިގެންވާ މީހުންގެ ސަބަބުން ބައްޓަންވަމުންދާ ކަމެއް ކަމަށެވެ. އަދި މިއީ ކޮންމެ ދުވަހަކުވެސް ގޭބިސީތަކާއި މަދަރުސާތަކާއި މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަފުސާނީ ދަތިތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ ހަގީގީ އެހީތެރިކަމަކީ ކޮބައިކަން އެންމެ ފުރިހަމައަށް ބުނެދެވޭނެ ފަރާތްތައްކަން ބަލައިގަންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައު ގެންގުޅޭ ވިސްނުމާއި ބަސްމަގު ބަދަލުކޮށް، އެހީތެރިކަން ހޯދުމަށް ހިތްވަރުދީ، ބޭނުންވާ ކޮންމެ މީހަކަށްމެ އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، "އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައި، އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަތުވެދާނެ" ކަމަށެވެ.

ނަފުސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ވިސްނުމާއި، އިހުސާސްތަކާއި އަދި އުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 13 ޕަސަންޓު މީހުން ވަނީ ނަފުސާނީ ނުވަތަ ނިއުރޯލޮޖިކަލް ހާލަތަކަށް ހުށަހެޅިފައެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ "ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" އެވެ.