ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެލައިޑް ތަކާފުލްއިން ވަނީ "ގެސްޓްހައުސް ތަކާފުލް" ގެ ނަމުގައި ހާއްސަ ޕްލޭނެއް ތައާރަފުކޮށްފައެވެ. މި ޕްލޭން ތައާރަފުކޮށްފައިވަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ދިމާވެދާނެ ކުއްލި ނުރައްކާތަކުގެ މާލީ ބަދަލު ހޯދައިދިނުމުގެ ބޭނުމުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސްތައް އިތުރުވަމުން އަންނައިރު، މިއީ އެތައް އާއިލާއެއްގެ އާމްދަނީއާ ގުޅިފައިވާ ވަރަށް މުހިންމު ސިނާއަތެކެވެ. ނަމަވެސް ބޮޑު އިންވެސްޓްމަންޓަކާއެކު ފަށާ މިފަދަ ވިޔަފާރިތަކަށް ކުއްލިއަކަށް ދިމާވާ ހާދިސާއެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން މިފަދަ ވިޔަފާރިތަކަށް ކަވަރޭޖެއް އޮތުމަކީ މިހާރު ވަރަށް ބޭނުންތެރި ކަމެކެވެ.
މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް ކުރިމަތިވާ ގުދުރަތީ ކާރިސާތައް މިހާރު ވަނީ އިތުރުވެފައެވެ. ގަދަ ވަޔާއެކު އަންނަ ތޫފާންތަކާއި، އުދަ އެރުން ފަދަ ކަންކަމުގެ ސަބަބުން އިމާރާތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މީގެ އިތުރުން ކަރަންޓު ޝޯޓްވުން ފަދަ ކަމަކުން ހިނގާ އަލިފާނުގެ ހާދިސާއަކީ ވެސް މުޅި ވިޔަފާރި އެއްކޮށް ހުއްޓުމަކަށް ގެނުވާފާނެ ނުރައްކާތެރި ކަމެކެވެ.
އެލައިޑްގެ ގެސްޓްހައުސް ތަކާފުލް ޕްލޭން ފަރުމާކޮށްފައިވަނީ މިފަދަ ނުރައްކާތަކުން ލިބޭ މާލީ ގެއްލުންތަކުގެ ބަދަލު ލިބޭ ގޮތަށެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި، ހޮނު އެޅުމާއި، ތޫފާންތަކާއި، ފެންބޮޑުވުމުގެ އިތުރުން ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށް މި ޕްލޭންގެ ދަށުން ބަދަލު ލިބޭނެއެވެ.
މި ޕްލޭންގެ ދަށުން ހަމައެކަނި ގުދުރަތީ ކާރިސާތަކަށް ކަވަރޭޖް ލިބެނީއެއް ނޫނެވެ. ގަސްތުގައި މީހަކު ދޭ ގެއްލުމަކުން ނުވަތަ އެހެން ފަރާތެއްގެ އަމަލަކުން ގެސްޓްހައުސްއަށް ލިބޭ ގެއްލުންތަކަށް ވެސް މި ޕްލޭންގެ ތެރެއިން ބަދަލު ލިބޭނެއެވެ. އަދި ވެހިކަލެއް ނުވަތަ އެހެން އެއްޗެއް ޖެހިގެން އިމާރާތަށް ލިބޭ ގެއްލުންތައް ވެސް މި ކަވަރޭޖްގެ ތެރޭގައި ހިމެނެއެވެ.
ގެސްޓްހައުސްއަށް ދިމާވާ ހާދިސާއެއްގެ ސަބަބުން ވިޔަފާރި މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ލިބޭ މާލީ ގެއްލުން ފޫބެއްދުމަކީ ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް އެލައިޑް ތަކާފުލްގެ މި ޕްލޭންގައި "ލޮސް އޮފް ރެންޓް" ނުވަތަ އާމްދަނީއަށް އަންނަ ހުއްޓުމުން ލިބޭ ގެއްލުމަށް ބަދަލު ދިނުމުގެ އިހުތިޔާރު ވެސް ހިމަނާފައިވެއެވެ. މީގެ ސަބަބުން އިމާރާތް މަރާމާތުކުރަން ހޭދަވާ މުއްދަތުގައި ވިޔަފާރިވެރިޔާއަށް މާލީ ގޮތުން ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ވައްކަން ކުރުން ފަދަ ކަންކަމުން މުދަލަށް ލިބޭ ގެއްލުންތަކަށް ވެސް މި ޕްލޭންގެ ދަށުން ބަދަލު ލިބިގެންދެއެވެ. އަދި ދިމާވާ ހާދިސާއެއްގެ ސަބަބުން ގެސްޓްހައުސްގައި ތިބޭ ގެސްޓުންނަށް ލިބޭ ގެއްލުމަކަށް ޒިންމާވާން ޖެހޭ ހާލަތްތަކުގައި ބޭނުންކުރެވޭނެ "ޕަބްލިކް ލައިބިލިޓީ" ކަވަރޭޖް ވެސް މި ޕްލޭންގެ ތެރެއިން އިހުތިޔާރު ކުރެވޭނެއެވެ.
ގުދުރަތީ ކާރިސާތަކާއި އެހެނިހެން ހާދިސާތަކަކީ ކުއްލިއަކަށް ކުރިމަތިވާ ކަންކަމަށްވާއިރު، އެލައިޑްގެ "ގެސްޓްހައުސް ތަކާފުލް" ޕްލޭން ނަންގަވެގެން ވިޔަފާރީގެ މުސްތަގުބަލު ރައްކާތެރިކުރުމަކީ ކޮންމެ ވިޔަފާރިވެރިއަކު ވެސް ކުރަންޖެހޭ ވަރަށް މުހިންމު އެއްކަމެވެ.
