ދިވެހިރާއްޖޭގައި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ހަރުދަނާކޮށް، ގައުމީ ފެންވަރުގެ ނަފުސާނީ ސިޔާސަތަކާއި ފުރިހަމަ ނަފުސާނީ ސިއްހަތާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުރާލާ ބަލި ދެނެގަނެ، ފަސޭހައިން ހިދުމަތް ލިބޭނެ އިންސާފުވެރި ނިޒާމެއް ބިނާކުރުން ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށްދާނީ ނަފުސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާއާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން 'ނަފުސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029' ގެ ދަށުން ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އާންމު ސިއްހީ ހިދުމަތުގެ ތެރެއަށް ނަފުސާނީ ހިދުމަތްތައް ލާމެހި، ސަރަހައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ އިތުރުން ޓެލެ-މެންޓަލް ހެލްތުގެ ހިދުމަތް ފުޅާކުރަން މަސައްކަތް ކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 2020 އިން 2021 އަށް ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ވަސީލަތްތައް ގާއިމުކުރަމުން ދިޔަ ނަމަވެސް، މުޖުތަމައުގައި އޮތް ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކާ ހެދި ގިނަ ބަޔަކު އެހީތެރިކަން ހޯދަން ފަސްޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރިއެވެ.
ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ގައުމީ ފެންވަރުގެ ނަފުސާނީ ސިޔާސަތަކާއި ނަފުސާނީ ސިއްހަތާ ބެހޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އެބަދޭ" ކަމަށެވެ. ސަރުކާރުގެ އިސްތިރާތީޖީ އަމާޒަކީ ނަފުސާނީ މައްސަލަތަކުން ރައްކާތެރިވުމާއި ބަލި ކުރީބައިގައި ދެނެގަނެ ފަރުވާދިނުމަށް އިސްކަންދިނުމާއި، އޯގާތެރި މުޖުތަމައެއް ބިނާކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. އެއީ ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު" މިއެވެ.
