މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ ކުރިއަށް އޮތް ބޮޑު ފިލްމު 'އެވެންޖާސް: ޑޫމްސްޑޭ' އިން މަގުބޫލު ކެރެކްޓާ ނިކް ފިއުރީ ނުފެންނާނެ ކަމަށް، އެ ރޯލު ކުޅޭ ތަރި ސެމިއުލް އެލް ޖެކްސަން ބުނެފިއެވެ. ނަމަވެސް އޭނާ ބުނީ މާވެލްގެ މި ސިލްސިލާގެ އެންމެ ފަހު ފިލްމު 'އެވެންޖާސް: ސީކްރެޓް ވޯސް' އިން އޭނާ ފެންނާނެ ކަމަށް މާވެލް ސްޓޫޑިއޯސް އިން އަންގާފައިވާ ކަމަށެވެ.
އެމެރިކާގެ މީޑިއާއެއް ކަމަށްވާ 'ދަ ޑައިރެކްޓް' އަށް ދިން އިންޓަވިއުއެއްގައި ޖެކްސަން މިކަން ހާމަކުރީ އޭނާގެ އާ ފިލްމު 'ދަ ބީސްޓް' ގެ ޕްރިމިއާގައެވެ. އެންތަނީ އަދި ޖޯ ރުސޯ ޑައިރެކްޓްކޮށް، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ 'ޑޫމްސްޑޭ' ގައި ޑޮކްޓާ ޑޫމްގެ ރޯލުން ރޮބަޓް ޑައުނީ ޖޫނިއާ އަދި ޕެޑްރޯ ޕަސްކަލް ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.
އަހަރު 2008 ގައި ނެރުނު 'އަޔަން މޭން' ފިލްމުން އެމްސީޔޫ އަށް ތައާރަފުވި ނިކް ފިއުރީގެ ކެރެކްޓާ ވަނީ މިހާތަނަށް މާވެލްގެ 11 ފިލްމަކުންނާއި ހަތަރު ޓީވީ ސީރީޒަކުން ފެނިފައެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ 2023 ވަނަ އަހަރު ނެރުނު 'ސީކްރެޓް އިންވޭޝަން' އަދި 'ދަ މާވެލްސް' އިން ކަމަށްވާއިރު، 2027 ގައި ނުކުންނަ 'ސީކްރެޓް ވޯސް' އިން އޭނާ އެނބުރި އަންނާނީ ގާތްގަނޑަކަށް ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
އޭނާއަށް 'ޑޫމްސްޑޭ' އިން ފުރުސަތު ނުލިބޭކަން މާވެލް އިން އެންގި ގޮތް ހާމަކުރަމުން ޖެކްސަން ބުނީ، މާވެލް އިން އޭނާއަށް މާ ގިނަ މައުލޫމާތުތަކެއް ނުދޭ ކަމަށެވެ. "އެމީހުން އަހަރެން ކައިރީ ބުނީ މި ފިލްމަކުން ނުފެންނާނެ ކަމަށް، އަދި ޖެހިގެން އަންނަ ފިލްމުން ފެންނާނެ ކަމަށް،" މާވެލްގެ ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖެކްސަން ބުންޏެވެ.
ފިލްމުގެ ވާހަކަ ކުރިއަށްދާނެ ގޮތެއް އަދި އޭނާގެ ރޯލާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނޭނގޭ ކަމަށް ވެސް ޖެކްސަން ވަނީ ބުނެފައެވެ. މާވެލްގެ ފިލްމުތަކުގެ ސްކްރިޕްޓް ވަރަށް ސިއްރުކޮށް ގެންގުޅޭއިރު، ފޭނުން ގަބޫލުކުރާ ގޮތުގައި 'ސީކްރެޓް ވޯސް' ގައި ހުރިހާ ބަތަލުން އެއްކުރުމުގެ މުހިންމު ޒިންމާ ނަގާނީ ކުރިން ވެސް އެވެންޖާސް އެއްކުރި ނިކް ފިއުރީއެވެ.
