ހޮލީވުޑްގެ އެންމެ ބޮޑު ދެ ސްޓޫޑިއޯ ކަމަށްވާ ޕެރަމައުންޓް އަދި ވާނާ ބްރަދާސް ޑިސްކަވަރީ އެއްކޮށްލައިގެން އުފެއްދި ބިޔަ މީޑިއާ ކުންފުނީގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމާ، ސްކައިޑާންސްގެ ބާނީ ޑޭވިޑް އެލިސަން ރަސްމީކޮށް ހަވާލުވެއްޖެއެވެ. މި ބޮޑު އެއްބަސްވުމާ އެކު، މުނިފޫހިފިލުވުމުގެ ދާއިރާގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ވިޔަފާރީގެ މުއާމަލާތް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
މި ދެ ކުންފުނި އެއްކޮށްލުމާ އެކު، ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އެޗްބީއޯ މެކްސް އަދި ޕެރަމައުންޓް ޕްލަސް މިހާރު ވަނީ އެއް ކުޑައެއްގެ ދަށަށް ގެނެސްފައެވެ. މީގެ އިތުރުން ސީއެންއެން، ސީބީއެސް، އެމްޓީވީ، އަދި ނިކޮލޯޑިއަން ފަދަ ނުފޫޒުގަދަ ގިނަ ޓީވީ ޗެނަލްތަކާއި ޕްރޮޑަކްޝަން ހައުސްތަކުގެ ބާރު ވެސް އޮންނާނީ އެލިސަންގެ ބެލުމުގެ ދަށުގައެވެ.
މި ބިޔަ އެއްބަސްވުމަކީ 100 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ އަގުހުރި މުއާމަލާތެކެވެ. ވާނާ ބްރަދާސް ހޯދުމަށް ނެޓްފްލިކްސް އިން ވެސް ކުރިން މަސައްކަތް ކުރި ނަމަވެސް، ޑޭވިޑް އެލިސަން ހުށަހެޅި އަގު ބޮޑު ހުށަހެޅުމާ އެކު އެ ކުންފުނިން ވަނީ ކުރި ހޯދާފައެވެ. ޑޭވިޑް އެލިސަން އަކީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ، އޮރެކަލް ކުންފުނީގެ ބާނީ ލެރީ އެލިސަންގެ ދަރިއެކެވެ.
ކުންފުނީގެ ވެރިޔަކަށް ހަމަޖެހުމަށް ފަހު ޑޭވިޑް އެލިސަން ބުނީ، ޕެރަމައުންޓާއި ވާނާ ބްރަދާސް އަކީ ގަރުނަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގެ ސަގާފަތް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި ދެ ނަން ކަމަށެވެ. "މި ދެ ސްޓޫޑިއޯ އެއްކޮށްލުމަކީ ތާރީހު ބަދަލުކުރުމެއް ނޫން، މިއީ މި މަޝްހޫރު ސްޓޫޑިއޯތަކަށް އިތުރު ބާރެއް ދިނުން. އަހަރެމެން ގުޅިގެން ސްކައިޑާންސްގެ ދަށުން އުފައްދާނީ ފެންވަރު ރަނގަޅު މޮޅު އުފެއްދުންތައް،" ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި އޭނާ ބުންޏެވެ.
މި ބަދަލާ އެކު ހޮލީވުޑްގެ ބާރުތަކުގެ މައްޗަށް ބޮޑު ލޮޅުމެއް އަރައި، ޑިޒްނީ އަދި ނެޓްފްލިކްސް ފަދަ ވާދަވެރި ބޮޑެތި ކުންފުނިތަކަށް ވަރުގަދަ ވާދަވެރިކަމެއް ކުރިމަތިވާނެ ކަމަށް މީޑިއާ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި ހެރީ ޕޮޓާ، ޑީސީ ކޮމިކްސް، އަދި ޓޮޕް ގަން ފަދަ މަޝްހޫރު ފިލްމު ސިލްސިލާތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މި އާ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
