ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަސެންޖަރު ޓާމިނަލަކަށް ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.
މި ހަމަލާ އަމާޒުވެފައި ވަނީ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްފައިވާ ޓާމިނަލް 3 އަދި 4 އަށެވެ. މި ހާދިސާއާ ގުޅިގެން އެއާޕޯޓު ހުސްކޮށް، ދަންވަރާ ހަމައަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފަ އެވެ. އަދި އެތައް ފްލައިޓެއް ކެންސަލްކޮށް، އެހެން މަންޒިލްތަކަށް ވަނީ ޑައިވާޓުކޮށްފަ އެވެ.
މިއީ ޔަމަނުގެ ހޫތީން ސައުދީގެ އެއާޕޯޓުތަކަށް އަމާޒުކޮށް މި ހަފުތާގައި ދިން ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ. މީގެ ކުރިން ބުރާސްފަތި ދުވަހު ދިން ހަމަލާތަކެއްގައި ސައުދީގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.
ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މި ހަމަލާ ކަށަވަރުކޮށްދީފަ އެވެ. ނަން ހާމަނުކުރުމަށް އެދި އޮފިޝަލަކު އޭޕީ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ މި ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި، ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް އޭނާ ބުންޏެވެ.
ޑިޕްލޮމެޓިކް ފަރާތްތަކުން ބުނާ ގޮތުގައި މިއީ އީރާނުގެ މަދަދު ލިބޭ ހޫތީ ޖަމާއަތުން ދިން ހަމަލާއެކެވެ. އެމްބިއުލާންސްތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ޒަހަމްވި މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެ އެވެ.
