ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު (ނޭޝަނަލް ކަރިކިއުލަމް ފްރޭމްވޯކް) ގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދިރިއުޅުމަށް ތައްޔާރުވެފައިވާ" (އެވްރީ ޗައިލްޑް އިޒް ޕްރެޕެއަރޑް ފޮރ ލައިފް) އަދި އިސްލާމީ އުޞޫލުތަކާއި އިޖުތިމާޢީ ރަނގަޅު ސުލޫކުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ދަރިވަރަކު ބިނާކުރުމެވެ. މަންހަޖުގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އަމާޒަކީ ހަމައެކަނި ފޮތުގެ ޢިލްމު ދިނުމެއް ނޫނެވެ. އެއާޚިލާފަށް، ކަންކަމާމެދު ފިކުރުކުރުމުގެ ހުނަރާއި، އިޖުތިމާޢީ ގުޅުންތަކަށް އަހުލުވެރިވުމާއި، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ރަނގަޅު އަޚްލާޤެއް ދަރިވަރުންގެ ކިބައިގައި އަށަގަނެވުމެވެ. ނަމަވެސް، މިއަދު ސްކޫލުތަކުގެ ޢަމަލީ މާޙައުލަށް ބަލާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މަންހަޖުގެ ފުރިހަމަ މަޤްޞަދު ގެއްލި، މުޅި ތަޢުލީމީ ނިޒާމު މިވަނީ އިމްތިޙާނުތަކުން ހޯދާ ނަތީޖާއަކަށް އެކަނި ބަރޯސާވާ ނިޒާމަކަށް ބަދަލުވެފައެވެ.
ޢަމަލީ މައިދާނުގައި ތަޢުލީމީ ނިޒާމު އެނބުރެމުންދަނީ ކޭމްބްރިޖް އޯ-ލެވެލް އަދި އޭ-ލެވެލް އިމްތިޙާނުތަކުން "އޭ" އަދި "އޭ ސްޓާ" ހޯދުމުގެ ވާދަވެރިކަމުގެ ތެރޭގައެވެ. ސްކޫލުތަކުގެ ކާމިޔާބީ މިނެކިރެނީ އެ ސްކޫލަކުން އިމްތިޙާނުތަކުގައި ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތައަށް ބަލައިގެންނެވެ. މީގެ ސަބަބުން، ކިޔަވައިދިނުން މިވަނީ ހަމައެކަނި އިމްތިޙާނު ކަރުދާސްތަކަށް ތައްޔާރުވުމާއި، ފިލާވަޅުތައް ދަސްކުރުމުގެ މަޖުބޫރީ އިމުގެ ތެރޭގައި ހަނިވެފެވެ. ދަރިވަރަކު ދިރިއުޅުމުގެ ޙަޤީޤީ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ހުރިތޯ ބެލުމުގެ ބަދަލުގައި، މުޅި ސަމާލުކަން ހުއްޓެނީ އިމްތިޙާނު ކަރުދާހުގައި ލިޔެވޭ ޖަވާބުތަކަށެވެ.
މި ނިޒާމުގެ ތެރޭގައި އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ދަރިވަރުންގެ އަޚްލާޤީ އަދި ސުލޫކީ ބައެވެ. ސްކޫލުތަކުގައި ދަރިވަރުންގެ ސުލޫކު ހިފެހެއްޓުމަށް 'ބިހޭވިއަރ މެނޭޖްމަންޓް ޕްލޭން' ތަކާއި ޚާއްޞަ 'އެކްޝަން ޕްލޭން' ތައް އެޑިއުކޭޝަން މިނިސްޓްރީގެ ސަރކިއުލާތަކާ އެއްގޮތަށް އެކުލަވާލެވިފައިވީ ނަމަވެސް، އެކަންކަމުން ނުކުންނަ ޢަމަލީ ނަތީޖާ ފެންނަނީ ދުވަހުން ދުވަހަށް ދަށަށްދާ ތަނެވެ. ކްލާސްރޫމްތަކުގައި ޓީޗަރުންނަށް ނުކިޔަމަންވުމާއި، މުދައްރިސުންނަށް ކުރާ ޤަދަރު ކުޑަވުމާއި، ދަރިވަރުންގެ މެދުގައި ހިނގާ މާރާމާރީތަކާއި، ގްރޫޕް ހަދައިގެން ހިންގާ ނޭދެވޭ ޢަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފެވެ. ކިތަންމެ ގިނަ އުޞޫލުތަކެއް ހެދިޔަސް، އެ އުޞޫލުތަކަށް ޢަމަލީ ސިފައެއް ނުލިބޭކަން މިއަދުގެ މުޖުތަމަޢުން ހެކިދެއެވެ.
މި މައްސަލައިގެ މައިގަނޑު އެއް ސަބަބަކީ ތަޢުލީމީ ނިޒާމުގައި ޤާއިމުކުރެވިފައިވާ އިނާމުދިނުމުގެ ނިޒާމު (ރިވޯޑް ސިސްޓަމް) އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކޮށްފައިވާ "އޯ-ލެވެލް އަދި އޭ-ލެވެލް ނޭޝަނަލް ޓޮޕް ޓެން ޕޮލިސީ" އަދި "ޓޮޕް ފަސްޓް ސްކޮލަރޝިޕް އުޞޫލު" ފަދަ އުޞޫލުތަކަށް ބަލާއިރު، ޤައުމީ ފެންވަރުގައި ދެވޭ އެންމެ ބޮޑެތި ޝަރަފުތަކަކީ އެކީއެކަށްހެން އަަކަޑެމިކް ނަތީޖާއަށް ބިނާވެފައިވާ އެއްޗެހިތަކެކެވެ. އިމްތިޙާނުން އެންމެ މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ބޮޑެތި ޢިނާމުތަކާއި ސްކޮލަރޝިޕްތައް ލިބޭއިރު، ރަނގަޅު އަޚްލާޤެއް ބަހައްޓާ، އިޖުތިމާޢީ ގޮތުން އެހީތެރިވެދޭ ނަމަވެސް އަަކަޑެމިކް ގޮތުން މެދުފަންތީގެ ދަރިވަރުންގެ ސުލޫކީ ކާމިޔާބީތައް އުޅެނީ ފާހަގަނުވާ ހިސާބުގައެވެ. މީގެ ސަބަބުން ދަރިވަރުންނަށް ދެވޭ މެސެޖަކީ "އަޚްލާޤަށްވުރެ މާކްސް މުހިންމު" ކަމުގެ މެސެޖެކެވެ.
މީގެ އިތުރުން، އަޚްލާޤީ މައްސަލަތަކަށް ޙައްލު ހޯދުމުގައި ސްކޫލުތަކުން ގެންގުޅޭ މިންގަނޑުތަކަކީ ކަރުދާހުގައި ލިޔެވިފައިވާ ލިޔުންތަކެކެވެ. މުދައްރިސުންނަށް ލިބިފައިވާ ވަގުތާއި ވަސީލަތްތަކުގެ މަދުކަމުންނާއި، ކޮންމެވެސް ނުފެންނަ ބާރުވެރިކަމެއްގެ ބާރުގައި ދަރިވަރެއްގެ ސުލޫކީ މައްސަލައެއް ފާހަގަވުމުން އެކަމުގެ އަޞްލު މައްސަލައާ ހަމައަށް ގޮސް އިސްލާޙީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، ގިނަފަހަރަށް ކުރެވެނީ ބެލެނިވެރިޔާއަށް އެންގުން ނުވަތަ ސިޓީއެއް ފޮނުވުން ފަދަ އިދާރީ ކަންކަމެވެ. ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރިއާޔަތްކޮށް، އަޚްލާޤީ މިންގަނޑުތައް އާލާކުރާނެ ކައުންސިލިންނާއި މަގުދައްކައިދިނުމުގެ ނިޒާމުތައް ވަނީ ވަރަށް ބޮޑަށް ދޫކޮށްލެވިފައެވެ.
އޯ-ލެވެލް އަދި އޭ-ލެވެލް އިމްތިޙާނުތަކަށް އެކަނި ބާރުއެޅުމުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އުފެދެނީ އިންތިހާއަށް ބޮޑު ނަފްސާނީ ފިއްތުންތަކެކެވެ. މައިންބަފައިންނާއި، ސްކޫލުތަކާއި، އަދި މުޅި މުޖުތަމަޢުގެ ފަރާތުން އަންނަ މާކްސް ހޯދުމުގެ މަޖުބޫރުކަމާއި ހުރެ، ދަރިވަރުންގެ އަޚްލާޤީ އަދި ނަފްސާނީ ދުޅަހެޔޮކަން ގެއްލިގެންދެއެވެ. ގިނަ ދަރިވަރުން ޓިއުޝަންތަކާއި އިމްތިޙާނުގެ ތައްޔާރީތަކުގައި މުޅި ދުވަސް ހޭދަކުރާއިރު، އިޖުތިމާޢީ ހުނަރުތަކާއި، އެކުވެރިކަމުގެ ގުޅުންތަކާއި، އަދި އަޚްލާޤީ ތަރުބިއްޔަތު ލިބޭނެ ވަގުތެއް އެކުދިންނަކަށް ނުލިބެއެވެ. މިއީ ސުލޫކީ ގޮތުން ދަރިވަރުން މަގުއޮޅެން ދިމާވާ ބޮޑު ސަބަބެކެވެ.
މިއަދުގެ ތަޢުލީމީ މާޙައުލުން ފެންނަ އަނެއް ހަޤީޤަތަކީ، ތަޢުލީމީ ނިޒާމުން ނުކުންނަ ގިނަ ދަރިވަރުންނަކީ ޢަމަލީ ދިރިއުޅުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކުދިންނަށް ނުވުމެވެ. އިމްތިޙާނުތަކުން މަތީ ނަތީޖާ ހޯދައިގެން ނުކުންނަ ބައެއް ދަރިވަރުންގެ ކިބައިގައިވެސް، އޮފީސް މާޙައުލުގައި މަސައްކަތّކުރުމުގެ އަޚްލާޤާއި، މީހުންނާ ގުޅިގެން އުޅުމުގެ ހުނަރާއި (ސޮފްޓް ސްކިލްސް)، އަދި އަމިއްލަ ދިރިއުޅުމުގެ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ނުހުންނަކަން ވަޒީފާދޭ ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ ތަޢުލީމީ ނިޒާމުގެ އަމާޒާއި ޙަޤީޤީ ނަތީޖާއާ ދެމެދު އޮތް ބޮޑު ފަރަގު ސާފުކޮށްދޭ އަލިގަދަ ހެކިތަކެކެވެ.
ބެލެނިވެރިންނާއި މުޖުތަމަޢުގެ ވިސްނުންވެސް މިވަނީ މާކްސް ސެންޓްރިކް (މާކްސްއަށް އެކަނި ބަލާ) ވިސްނުމަކަށް ބަދަލުވެފައެވެ. ކުއްޖާގެ ކިބައިގައި ހުރި ނުބައި އަޚްލާޤީ ސިފައަކަށްވުރެ ބެލެނިވެރިން ކަންބޮޑުވަނީ އިމްތިޙާނުން ދަށުން މާކްސްއެއް ލިބުމުންނެވެ. އަޚްލާޤީ ގޮތުން ދަރިވަރަކު އިސްލާޙުކުރުމަށް ސްކޫލުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި، މުދައްރިސުންނާއި ސްކޫލް އިދާރާތަކަށް ފާޑުކިޔައި، ކުއްޖާގެ ކުށް އޮއްބާލަން މަސައްކަތްކުރުމުގެ ނުރައްކާތެރި އާދައެއް ވަނީ އަށަގަނެފައެވެ. މިއީ ދަރިވަރުންގެ ސުލޫކު ދުވަހުން ދުވަހަށް ގޯސްވަމުންދާ މައިގަނޑު އެއް ސަބަބެވެ.
މި ނުރައްކާތެރި މިސްރާބުން ތަޢުލީމީ ނިޒާމު ސަލާމަތްކުރުމަށްޓަކައި، އިނާމުދިނުމާއި އަގުވަޒަންކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހެއެވެ. ދަރިވަރުންގެ އަޚްލާޤާއި، އިޖުތިމާޢީ ޚިދުމަތްތަކާއި، އެހެން ކުދިންނަށް އެހީތެރިވުމުގެ ސިފަތަކަށް ރިއާޔަތްކޮށް، އެފަދަ ކަންކަމަށް ސްކޫލު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ބޮޑެތި ޢިނާމުތަކާއި ޝަރަފުތައް ކަނޑައެޅެންޖެހެއެވެ. ހަމައެކަނި ފާސްވާ އިންސައްތައަށް ބަލައިގެން ސްކޫލުތައް ވަޒަންކުރުން ހުއްޓާލައި، ދަރިވަރުންގެ އަޚްލާޤީ މިންގަނޑާއި، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ސްކޫލުތަކުން ހޯދާ ކުރިއެރުމަށް ބަލައި މާކްސް ދެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އިސްލާޙުކުރެވޭނީ ކަރުދާހުގައިވާ އަމާޒުތައް ޢަމަލީ މައިދާނަށް ނެރެގެންނެވެ. އޯ-ލެވެލް އަދި އޭ-ލެވެލްގެ ނަތީޖާއަކީ މުހިންމު އެއްޗެއް ކަމުގައިވީ ނަމަވެސް، އެއީ ތަޢުލީމުގެ މުޅި މަޤްޞަދު ކަމުގައި ހެދުން ހުއްޓާލަންޖެހެއެވެ. ދަރިވަރުންނަކީ ހަމައެކަނި ޓެސްޓު ޕޭޕަރުން މާކްސް ހޯދާ ބަޔަކަށް ހެދުމުގެ ބަދަލުގައި، ރަނގަޅު އަޚްލާޤެއްގެ މައްޗަށް ތަރުބިއްޔަތުވެ، ދިރިއުޅުމުގެ ޙަޤީޤީ މައިދާނަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ އިސްކަންދޭ ކަންކަން އަލުން ތަރުތީބުކުރުމަކީ މިއަދު މަޖުބޫރުވެފައިވާ ކަމެކެވެ.
ޙަވާލާ:
. މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް (2014). ނޭޝަނަލް ކަރިކިއުލަމް ފްރޭމްވޯކް: ޑިވެލޮޕިންގ ކޭޕަބަލް، ރެސްޕޮންސިބަލް، އެންޑް ޕްރޮޑަކްޓިވް ސިޓިޒަންސް. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ)، މާލެ، ދިވެހިރާއްޖެ.
. މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް (2023). ސަރކިއުލަރ: އޯ ލެވެލް ޓޮޕް ޓެން ޕޮލިސީ (22-އީ/ސީ.އައި.އާރު/2023/6) އެންޑް އޭ ލެވެލް ޓޮޕް ޓެން ޕޮލިސީ (22-އީ/ސީ.އައި.އާރު/2023/7). މިނިސްޓްރީ އޮފް އެޑިއުކޭޝަން، މާލެ، ދިވެހިރާއްޖެ.
. މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް (2023). ސަރކިއުލަރ: ސްކޫލް ދަރިވަރުންގެ އާންމު ޤަވާއިދު (ޖެނެރަލް ސްޓޫޑެންޓް ރޫލްސް އެންޑް ބިހޭވިއަރ ގައިޑްލައިންސް). މިނިސްޓްރީ އޮފް އެޑިއުކޭޝަން، މާލެ، ދިވެހިރާއްޖެ.
. ކޭމްބްރިޖް އެސެސްމަންޓް އިންޓަރނޭޝަނަލް އެޑިއުކޭޝަން (ސީ.އޭ.އައި.އީ). ކޭމްބްރިޖް އޯ ލެވެލް އެންޑް އިންޓަރނޭޝަނަލް އޭ ލެވެލް އެސެސްމަންޓް އިން މޯލްޑިވްސް.
