ތާލިބާނުންގެ މީހުން، އަފްޣާނިސްތާނުގެ ގެތަކަށް ދޮރުން ދޮރަށް ހިނގަން ފަށައިފިއެވެ. އެމީހުން މިފަދައިން އަމަލުކުރަމުން ދަނީ ގޭގޭގައި ތިބި، މީހުންނާ ނުއިނދެ ތިބި އަންހެނުންނާއި ހުވަފަތްވެފައިތިބި އަންހެނުން ހޯދާށެވެ. އަދި ރިޕޯޓުތައް ބުނާގޮތުން އުމުރުން 12 އަހަރުން މަތީގެ ކޮންމެ އަންހެނަކުވެސް އެމީހުން ހޯދައެވެ.
ތާލިބާނުންނަކީ ހަރުކަށި ފިކުރުގެ ބައެއްކަމުން އެމީހުންގެ މެދުގައި "ކުޑަކުދިންނާއި" ކައިވެނި ކުރުން އޮންނަނީ އާންމު ކަމަކަށް ވެފައެވެ. އެގޮތުން ރިޕޯޓުތައް ބުނާ ގޮތުން އެމީހުން ހޯދާ މި އަންހެން ކުދިންނާއި މީހުންނަކީ އެމީހުންގެ އަނބިންނަށް ހަދަން ހޯދާ އަންހެނުންނެވެ. އަދި ބައެއް މީޑިއާ ތަކުން އެއީ އަޅުން ހޯދުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް ސިފަކޮށްފައި ވެއެވެ.
އެގައުމުގެ ސަރުކާރު ވައްޓާލުމަށްފަހު ތާލިބާނުން އެ ގައުމުގެ ވެރިކަމާއި ހަވާލުވީފަހުން، އެ ގައުމުގެ ގާނޫނު އަސާސީ އާއި ބައެއް އާދަތަކަށް އެމީހުން ގޮންޖަހައެވެ. އެގޮތުން އަންހެނުން ވަޒީފާ އަދާކުރުމަކީ ތާލިބާނުން އެއްގޮތަކަށްވެސް ގަބޫލުކުރާ ހަމައެއް ނޫނެވެ. ނަތީޖާއަކަށްވެގެން ދަނީ އެގައުމުގައި މަސައްކަތް ކުރާ ހުރިހާ އަންހެން ކަނބަލުން ވަޒީފާތަކުން ވަކިކޮށް ގެތަކަށް ފޮނުވާލުމެވެ. އަދި އެގައުމުގައި އެއްވެސް އަންހެނަކު ބުރުގާ ނާޅާ މަގުމައްޗަށާއި އާންމު އިޖްތިމާއީ ސަރަހައްދުތަކަށް ނުކުތުންވެސް ތާލިބާނުންވަނީ ބުނެފައެވެ.
މީގެ އިތުރުން މީސް މީޑިއާގައި ދަނީ އަފްޣާނުގެ ބައެއް އަންހެންކުދިން އެކި އެކި ވީޑިއޯތައް ހިއްސާ ކުރަމުންނެވެ. އެ ވީޑިއޯތަކުގައި ފާހަގަ ކުރާ އެއް ވާހަކައަކީ ތާލިބާނުންގެ ވެރިކަމެއްގައި އެ ކަނބަލުންނަށް ރައްކާތެރިކަން ނެތް ކަމަށާއި އެއްވެސް ހައްގެއްވެސް ނެތްކަމަށެވެ.
ތާލިބާނުން ބުނާގޮތުގައި އެމީހުން ތަންފީޒުކުރަނީ އިސްލާމީ ޝަރީއަތެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި އަންހެނުންނަށް ލިބިދީފައިވާ ހައްގުތައްވެސް އެމީހުން ވަނީ ނިގުޅައިގަނެފައެވެ.
