އުމުރުން 70 އަހަރުން މަތީގެ މީހުންގެ ތެރެއިން ހައްޖު ކިޔޫގައި ތިބޭތާ ތިން އަހަރުވެފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ. މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އުސޫލުގެ ދަށުން އުމުރުން 70 އަހަރުން މަތީގެ 324 މީހަކަށް އަންނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން 75 އަހަރުން މަތީގެ 86 މީހަކަށް އެހީތެރިންނާއެކު ހައްޖަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށާއި، ޖުމްލަ 410 މީހަކަށް އަންނަ އަހަރު ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މި ބަދަލު ގެންނަން ނިންމީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދަށް ބަލައި، ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ ބަޔަކު ތިބުމުންނެވެ. ހައްޖަށް ދާން އިންތިޒާރުކުރަން ޖެހި، ފުރުސަތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން، ވީހާވެސް ގިނަ ދޮށީ އުމުރުގެ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު ސަބަބު ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ އުމުރަށާއި ކިޔޫން ޖާގަ ލިބުނު ތާރީހަށް ބަލައިގެން، ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލަކުން ކަމަށެވެ. މީގެ ސަބަބުން ކޯޓާގެ ބޭނުން ފުރިހަމައަށް ހިފައި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެ، ޒުވާން އުމުރުފުރާތަކަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން އެންމެ އިންސާފުވެރިކޮށް އަދި ފުރިހަމައަށް ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލާއެކު ކިޔުގައި ތިބި 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، މިއީ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.
