ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު ދަސްކޮށްދިނުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މި އަހަރުގެ ހަތަރުވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ. ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ކުރިއަށްގެންދާ މި ކޯސް އޮންނާނީ އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް، ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނައިގެން، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ފަށާފައިވާ ތަމްރީނެކެވެ. ރައީސްގެ އިރުޝާދާ އެކު، ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް އަހަރަކު ދެ ކޯހުން ހަތަރު ކޯހަށް މިހާރު ވަނީ އިތުރުކޮށްފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗާ ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހިކުރުމެވެ.
ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި ކޯހުގެ ސަބަބުން، ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ތައާރަފުކޮށް ތަރައްގީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރު 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާ އެކު އީމެއިލް ކުރާނީ info@mmri.gov.mv އަށެވެ. ޖުމްލަ 15 ފުރުސަތު ހުޅުވާލާފައިވާ މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން ފޯމު ލިބިއްޖެނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. ކޯހުގައި ބައިވެރިވާ މީހުން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ހުރުމާއި ކެއުމުގެ ހުރިހާ އިންތިޒާމެއް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
