ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ހުށަހަޅަންޖެހޭ ފައިނަލް ލިޔުންތައް މި މަހުގެ ނިޔަލަށް އެ ޖަމިއްޔާއަށް ފޮނުވާނެ ކަމަށް، މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމަށް ކުރާ މަސައްކަތުގައި ރާއްޖެ ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައި އޮންނަތާ 13 އަހަރު ވެފައިވާއިރު، ހިރިގަލުގެ ފަސް މިސްކިތެއް ހިމަނައިގެން ހުށަހެޅި ނޮމިނޭޝަން ފައިލް މިއަހަރުގެ ޖެނުއަރީ މަހު ޔުނެސްކޯއިން ވަނީ ބަލައިގެންފައެވެ. މިދިޔަ ސެޕްޓެމްބަރު މަހު އިންޓަނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް (އައިކޮމޮސް) އިން އިވެލުއޭޝަން މަސައްކަތް ނިންމާފައިވާ ކަމަށާއި، ގެންނަންޖެހޭ ބަދަލުތަކާ އެކު މި މަހު ހުށަހެޅުމަށް ފަހު، އަންނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމެނޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަގާފީ ޓޫރިޒަމްގެ ތަސައްވުރާ އެއްގޮތަށް، ތަރިކައިން މާލީ މަންފާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ގާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަޝްރޫއުގައި ހިމެނޭ ރަށްތައް ކަމަށްވާ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫއަށް މާލީ މަންފާ ލިބޭނެ ގޮތަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމަކީ އިންޓަނޭޝަނަލް ފެންވަރުގައި ދިވެހިރާއްޖޭގެ ތަރިކަ ބަލައިގަނެވި، މިސްކިތްތައް ބަލަން އަންނަ ޓޫރިސްޓުން އިތުރުވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އެ ރަށްތަކަށާއި މުޅި ގައުމަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ އިންޑިއާ ކަނޑުގެ ދަތުރުފަތުރާއި ވިޔަފާރީގެ ތާރީހާއި، ދިވެހިންގެ އަމިއްލަ ފަންނުވެރިކަން ދައްކުވައިދޭ އަގުހުރި ބިނާތަކެކެވެ. މިއީ އިސްލާމީ ތާރީހާއި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހިން ކުރި ޖިހާދު ރަމްޒުކޮށްދޭ މުހިންމު ސަގާފީ ތަރިކައެކެވެ.
