```

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވޭތުވެދިޔަ ސެޕްޓެމްބަރު މަހު 59.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އެހީ ވަނީ ނުކުޅެދުންތެރިކަން ހުންނަ 15،571 މީހަކަށް ދޫކޮށްފައެވެ.

މިއީ އޭގެ ކުރީ މަސް ކަމަށްވާ އޯގަސްޓު މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އޯގަސްޓު މަހު ނުކުޅެދުންތެރިކަން ހުންނަ 15،498 މީހަކަށް އެންސްޕާއިން ދޫކޮށްފައިވަނީ 58.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން ސެޕްޓެމްބަރު މަހު އެހީ ދޫކުރި އަދަދާއި އެހީ ލިބުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

އެންސްޕާގެ ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު އަލަށް 263 މީހަކު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައެވެ. މިއީ އޯގަސްޓު މަހު އަލަށް ރަޖިސްޓްރީވި 169 މީހުންނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މި ބަދަލާ އެކު، އެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،885 އަށް އަރާފައެވެ.

މީގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސްގެ ގޮތުގައި ސެޕްޓެމްބަރު މަހު 1.08 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ. މިއީ އޯގަސްޓު މަހު މި އެލަވަންސްގެ ގޮތުގައި ދޫކުރި 1.07 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު އަލަށް ހަ މީހަކު ވަނީ ތެލަސީމިއާ އެލަވަންސް ލިބޭ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައެވެ. އޯގަސްޓު މަހު މި ދަފުތަރުގައި އަލަށް ރަޖިސްޓްރީވީ ހަތަރު މީހުންނެވެ. އެއާއެކު، ތެލަސީމިއާ އެލަވަންސް ލިބޭ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 541 އަށް އަރާފައެވެ.