އަތްތެރި މަސައްކަތް ކުރުމަކީ މުޅި މީހާގެ ސަމާލުކަން ބޭނުންވާކަމެކެވެ. އެކަން ކުރެވޭނީ ކެތްތެރި މީހަކަށެވެ. އެކަމަށް ޝައުގުވެރިވާ ކުޅަދާނަ މީހަކަށެވެ. ނަފްހާއަކީ އަތްތެރި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހިތްހަމަ ޖައްސާލުމަށް އެކަން ކުރަން ފެށި ހުނަރުވެރި ޒުވާނެކެވެ. މިއަދު އެ މަސައްކަތަކީ އޭނާއަށް ލިބޭ ހިތްހަމަ ޖެހުމެއްގެ އިތުރުން އެކަމުން ނަފާ އަދި މަންފާ ލިބިދޭ މަސައްކަތަކަށް ވަނީ ވެފައެވެ

ކަރުދާހުން އެއްޗެހި ހަދަމުން ގޮސް ހިތަށް އެރީ އައު ކަމެއް ކޮށްލަން ވެއްޖޭ. ދެން ކްރޮޝޭ އަދި ޓްރައި ނުކުރާ އެއްޗެއް ވީމަ ބޭނުންވީ ޓްރައި ކޮށްލަން. ދެން ޓްރައި ކޮށްލީމަ ވަރަށް ކަމުދިޔަ. އެއީ އަސްލި މިކަމުގެ ތެރެއަށް ވަދެވުނު ގޮތަކީ.”ނަފްހާ ބުންޏެވެ

ތިޔަ ބޭފުޅުންނަށް މިހާރު ނަފްހާ ނަސީމް އެނގިވަޑައިގަންނަވާނީ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ" މުބާރާތުގެ ދެވަނަ ހާސިލްކުރި ފަރާތުގެ ގޮތުގައެވެ.މުބާރާތުގައި ދެއްކި ހުނަރާއި ހިތްވަރުން، އޭނާއަކީ ރޭޑިއޯ ޕްރޮގްރާމްތައް ހުށަހެޅުމަށް ކުޅަދާނަ، މޮޅު ހުށަހެޅުންތެރިއެއްކަން ވަނީ ސާބިތުކޮށްދީފައެވެ

ނަމަވެސް، ނަފްހާއަކީ ހަމައެކަނި ހުށަހެޅުންތެރިއެކޭ ބުނެވޭކަށް ނެތެވެ. އޭނާގެ ސްކޫލް ދައުރަށް ބަލައިލާއިރު، ނަފްހާއަކީ ތަޢުލީމަށް ނުހަނު ލޯބިކުރި ދަރިވަރެކެވެ. ފައިނު ސްކޫލްގައި ތަޢުލީމު ހާސިލުކޮށް، އޯލެވެލް އިމްތިހާނުގައި އެ ސްކޫލްގެ ތާރީޚުގައިވެސް ދަރިވަރަކު ހޯދި އެންމެ މަތީ ނަތީޖާ ހޯދީ ނަފްހާއެވެ. އެގޮތުން ސްކޫލް އަދި ގައުމީ ފެންވަރުގައި "ޓޮޕް އެޗީވާރސް" އެވޯޑް ހާސިލުކުރުމުގެ އިތުރުން، 2023-2024 ވަނަ އަހަރުގެ ފައިނު ސްކޫލްގެ "ބެސްޓް އޯލްރައުންޑަރ" ގެ މަގާމުވެސް ހޯދީ ނަފްހާއެވެ

ދީނީ އަދި އަދަބީ ދާއިރާއިންވެސް ނަފްހާ ވަނީ ފާހަގަކޮށްލެވޭ ގުޅުންތަކެއް ބަހައްޓައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. ސީވައިއެސްއިން ފުރަތަމަ ބޭއްވި ޤުރްއާން މުބާރާތުގެ 1 ވަނަ ހޯދުމަށްފަހު، ރަށު ފެންވަރުގައާއި އެކި މުބާރާތްތަކުގައި ޤުރްއާން ކިޔެވުމާއި މަދަހަ ކިޔުމުގެ ރޮނގުން ތަކުރާރުކޮށް 1 ވަނަ ވަނީ ކަށަވަރުކޮށްފައެވެ. އެންމެ ފަހުން ސީވައިއެސްއިން ބޭއްވި ޤުރްއާން އަދި މަދަހަ މުބާރާތުންވެސް 1 ވަނަ ހޯދީ ނަފްހާއެވެ. އަދި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ފައިނު ތަމްސީލުކޮށް، ފާހަގަކޮށްލެވޭ ވަނަތައް ހޯދާފައިވެއެވެ

މީގެއިތުރުން، ދިވެހިބަހުގެ އެކަޑެމީން ބޭއްވި 27 ވަނަ ގައުމީ ޅެންހެދުމުގެ މުބާރާތުގެ މަތީސާނަވީ ބައިން 3 ވަނަ ހޯދައި، އެކި އިހުތިފާލުތަކަށް ޅެން ހަދައިދީ، ބަހުގެ މުއްސަނދިކަން އޭނާގެ ކިބައިގައި ހުރިކަން ސާބިތުކޮށްދިނެވެ

ކުޅިވަރާއި އިޖުތިމާއީ މައިދާނުގައިވެސް ނަފްހާއަކީ ފަހަތަށް ޖެހޭ ކުއްޖެއް ނޫނެވެ. ހޭންޑްބޯލް، ނެޓްބޯލް އަދި ވޮލީބޯލްގެ ރަށު ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް، ހާއްސަކޮށް ނެޓްބޯލް އަދި ހޭންޑްބޯލް މެޗުތަކުގައި އެކިފަހަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެއެވެ. އަދި ސްކައުޓް ފަދަ އިޖުތިމާއީ މަސައްކަތްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގައިވެސް އޭނާ އަންނަނީ އިސްކޮށް ބައިވެރިވަމުންނެވެ

ނަފްހާގެ އުފެއްދުންތެރި ދަތުރު ފެށިގެން އައީ އޭނާގެ ކުޑައިރުގެ ތަޖުރިބާތަކުގެ ތެރެއިންނެވެ. އެންމެ ކުޑައިރުއްސުރެ ނަފްހާއަކީ އަތްތެރި މަސައްކަތަށް އާދަޔާޚިލާފު ޝައުޤުވެރިކަމެއް ބެހެއްޓި ކުއްޖެކެވެ. އެގޮތުން ކަރުދާސް ބޭނުންކޮށްގެން މަލާއި، އަތުގައި އަޅާ ބްރޭސްލެޓް މިނޫންވެސް ތަފާތު ކްރާފްޓް މަސައްކަތްތައް އޭނާ ކުރިއެވެ.

އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް އައު ކަންކަން ދަސްކުރުމަކީ. ކުޑަ އިރުން ފެށިގެން ވަރަށް އަތްތެރި މަސައްކަތް ކުރަން. ދެން ހަނދާން ހުރޭ ކުޑަ އިރު ކަރުދާސް ބޭނުންކޮށްގެން މާ ހަދައި އުޅުން ހަނދާން. ކުޑައިރު ހުސް ވަގުތުކޮޅެއް ލިބުނަސް ކަރުދާހުން އެއްޗެހި ހަދަން.” ނަފްހާ ބުންޏެވެ

ނަފްހާއަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އަމިއްލަ ބްރޭންޑެއް އުފައްދާ އެ ބްރޭންޑް މަގުބޫލު ބްރޭންޑަކަށް ހަދާފައިވާ ފަރާތެކެވެ. އަތްތެރި މަސައްކަތަށް ހުންނަ ފަންނީ ހުނަރު ބޭނުންކޮށްގެން އޭނާ އުފައްދާފައިވާ "ޑެއިޒީ އެމްވީ" ބްރޭންޑަކީ މިއަދު ގިނަބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.