2001 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު އަފްޣާނިސްތާނަށް ހަތިޔާރު އެޅި ފައުޖާއި އެކު ވެރިވެގަތީ އޭރު އެގައުމުގައި ހިނގަންފެށި ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވައި "ޠާލިބާން"އޭ ކިޔުނު ހަނގުރާމަވެރި ޖަމާޢަތް ނައްތާލުމަށެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު، އެމެރިކާއިން އަފްޣާނިސްތާނުގެ ހާލަތު ރަނގަޅުކުރުމަށާއި، އަމާންކަން ގާއިމުކޮށް 'ލިބެރަލް ޑިމޮކްރަސީ' އެއް ގާއިމުކުރުމުގެ ނަމުގައި ވަނީ 2 ޓްރިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްފައެވެ. ނަމަވެސް، މިއަދު ގައުމަކަށް އެންމެ ބޮޑަށް ބޭނުންވާ އެއް އަސާސީ ކަންތައްކަމަށްވާ، އަމާންކަމާއި ރަނގަޅު ސަލާމަތީ ބާރެއް ވެސް އަފްޣާނިސްތާނުގައި ނެތުމީ ދުނިޔޭގެ ގިނަ ގައުމުތަކުން އެމެރިކާއަށް ފާޑު ކިޔާ އެންމެ ބޮޑު އެއް ސަބަބެވެ. ގައުމެއްގައި ދިރިއުޅޭ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ މި ކަންތައްތަކެވެ. އިޤްތިޞާދީ ހަމަޖެހުމާއި ފުދުންތެރިކަން ލިބުނަސް، ގައުމުގައި އަމާންކަމާއި މިނިވަންކަން ނެތްނަމަ އެ ގައުމުގެ ރައްޔިތުން ދިރިއުޅޭނީ ނުތަނަވަސްކަމާއި ހިތްދަތިކަމުގައިކަން އުތުރު ކޮރެއާ ފަދަ ގައުމުތަކުންވަނީ ސާބިތު ކޮށްދީފައެވެ.
ކަންމިހެން އޮތްއިރު، މިއަދު އެމެރިކާގެ އަސްކަރީ ފްލައިޓްތައް އަފްޣާނިސްތާނުގެ ވައިގެ ބަނދަރުން ފުރާއިރު ފެންނަނީ އެ ގައުމުގެ ރައްޔިތުން އާދޭސްކޮށް އެމީހުން ގޮވައިގެން ދާން އެދި ރޯ މަންޒަރެވެ. އަމިއްލަ ވަޒަން ދޫކޮށް އެމެރިކާގެ މަތިންދާބޯޓުގެ ފުރޮޅާއި ފިޔަގަނޑުތައް މަތީ ތިބެންވެސް ޖެހިލުން ނުވާނީ އެގޮތްވެސް އަމިއްލަ ފަސްގަނޑުގައި ހުރުމަށްވުރެ ރަނގަޅުވީމަ އެއް ނޫންތޯއެވެ؟
އަފްޣާނިސްތާނުގެ އިޤްތިޞާދަށް ބަލާއިރު މިދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާއިން ކުރި ޚަރަދާ އަޅާކިޔުމުން އިނގެނީ އެމެރިކާއިން ކުރި ޚަރަދުތަކަކީ އެގައުމަށް އެއްވެސް ފައިދާއެއްނެތް ބޭކާރު ޚަރަދުތަކެއް ކަމެވެ. އާބާދީގެ 90 ޕަސެންޓް މީހުންނަށް އަދިވެސް ދުވާލަކު އާމްދަނީގެ ގޮތުގައި ލިބެނީ 60 ރުފިޔާ ކަމަށް ރިޕޯޓްތަކުން ވަނީ ހާމަކޮށްފައެވެ. އެމެރިކާއިން 20 އަހަރުގެ ބޮޑު ހަނގުރާމައެއް ކޮށް، ޠާލިބާނުން ބަލިކުރިކަމަށް ނިންމައި އެ ގައުމުން ފައިބައިގެން ދާން ނިންމިއިރު މިއަދު އަފްޣާނިސްތާނުގެ ރައީސް އުޅުއްވި ގަނޑުވަރުގައި ޠާލިބާނުން ދަނީ 'ސެލްފީ' ނަގަމުންނެވެ. މިއީ ހަނގުރާމައެއް ނިމިގެންދާނެ އެންމެ ލަދުވެތި ގޮތެއް ނޫންތޯއެވެ؟
2001 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ކުރަމުންދިޔަ ހޭދަތަކުގެ ތެރޭގައި 144 ބިލިއަން ޑޮލަރ ހޭދަކޮށްފައިވަނީ އަފްޣާނިސްތާނުގެ އަސްކަރިއްޔާ ވަރުގަދަކޮށް ހަތިޔާރާއި ހަނގުރާމަމަތީގެ ތަމްރީންތައް ދިނުމަށެވެ. ނަމަވެސް 300،000 އަށްވުރެ ގިނަ ސިފައިން ހިމެނޭ މި އަސްކަރިއްޔާ ވަނީ 75،000 ހާ ޠާލިބާނުންގެ ކުރިމަތީ ހަތިޔާރު ބަހައްޓާ ގައުމަށްޓަކާ ކުރި ހުވާ ހަނދާންނައްތާލައި ފިލާފައެވެ. ކަންމިހެން ދިމާވި ކަމަށް ގިނަ ބަޔަކު ބުނަނީ އެމެރިކާގެ ދޯހަޅި އަސްކަރީ ސިޔާސަތު ތަކުގެ ސަބަބުން ކަމަށެވެ. އެމެރިކާއިން މިވީ ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާ އަށް ދަސްކޮށްދީފައިވަނީ އެމެރިކާއަށް ބަރޯސާވެގެން ހަނގުރާމަކުރާށެވެ. އަސްކަރީ އާލާތްތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ހަދިޔާކުރިއިރު، އޭގެ ތަމްރީންތަކާއި ބޭނުންކުރަންވީ ގޮތްތަކެއް ކިޔައެއްނުދެއެވެ. އަނެއްކޮޅުން އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ ގިނަ އިސް އޮފިސަރުންވެފައިވަނީ ކޮރަޕްޝަނާއި ފަސާދައިގައި ޖެހި ހަލާކުވެފައިވާ ބަޔަކަށެވެ. މިއީ މިއަދު އަފްޣާނިސްތާނުގެ ރައްޔިތުންނަށް ލިބިފައިވާ ހިތްދަތި ފިލާވަޅެކެވެ. އެތައް ބަޔަކު ވަނީ ގައުމު ދޫކޮށް ދާން ދަތުރު ފަށާފައެވެ. ޚަބަރުތައް ބުނާގޮތުން ޕާކިސްތާނަށްވެސް ގިނަ ބަޔަކު މިއަދު ވަނީ ބޯޑަރ ހުރަސްކޮށް ހިޖުރަކޮށްފައެވެ.
