ވޭތުވެދިޔަ ހަފުތާގެ ތެރޭގައި 1،500 އަށް ވުރެ ގިނަ ކޮންސައިންމަންޓް ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހިނގާ އޮކްޓޫބަރު މަހުގެ 4 އިން 10 ގެ ނިޔަލަށް ޖުމްލަ 1،594 ކޮންސައިންމަންޓެއް ވަނީ ކްލިއާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓޭނަރު ބޯޓުތަކުން ގެނައި 1،223 ކޮންސައިންމަންޓާއި، ޖެނެރަލް ކާގޯ ބޯޓުތަކުން ގެނައި 371 ކޮންސައިންމަންޓެވެ.
މި މުއްދަތުގައި ކްލިއާކުރި މުދަލުގެ ބަރުދަނަށް ބަލާއިރު، ޖުމްލަ 44،181.43 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ކޮންޓޭނަރު ބޯޓުތަކުން ކްލިއާކުރި 40،672.84 ފްރައިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުތަކުން ކްލިއާކުރި 3،508.59 ފްރައިޓް ޓަނުގެ މުދާ ހިމެނެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ ހަފުތާގައި މުދާ ހިފައިގެން ޖުމްލަ ފަސް ބޯޓެއް ރާއްޖެ އައިސްފައިވާ ކަމަށް އެމްޕީއެލްގެ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮންޓޭނަރު ބޯޓާއި ތިން ޖެނެރަލް ކާގޯ ބޯޓެވެ. އަދި މި މުއްދަތުގައި ކޮންޓޭނަރު އުފުލާ ތިން ބޯޓަކާއި ޖެނެރަލް ކާގޯގެ ހަ ބޯޓު ހިމެނޭހެން ޖުމްލަ ނުވަ ބޯޓެއް ވަނީ ފުރައިފައެވެ.
ރާއްޖޭގެ މައި ބަނދަރުން ދެމުންގެންދާ ހިދުމަތްތައް ހަލުވިކުރުމަށް އެމްޕީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، ކޮންމެ ހަފުތާއަކު ވެސް ބަނދަރުގެ އޮޕަރޭޝަންތަކާ ގުޅޭ ތަފާސްހިސާބުތައް އެ ކުންފުނިން އަންނަނީ އާންމުކުރަމުންނެވެ.
