ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް ފޯ އެސްއޯއީސް" ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ފުރަތަމަ ކުންފުންޏަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވެއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މިންޑްކޯ) އާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެމްޕީއެލް އިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މި ޕްރޮގްރާމުގައި އެ ކުންފުނީގެ ސީއީއޯގެ އިތުރުން އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"އޭއައި އެސެންޝަލްސް: އަންޑަސްޓޭންޑިން އެންޑް ވާކިން ވިތު އޭއައި" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އާންމު ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޖެނެރޭޓިވް އޭއައި ދެނެގަތުމަށް ބޭނުންވާ އަމަލީ ބިންގަލެއް އަޅައިދިނުމެވެ. އަދި އޭއައި ބޭނުންކުރާނެ ވަގުތާއި ގޮތް ނިންމުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން އޭއައި ސިސްޓަމްތަކާ އެކު ފުރިހަމައަށް މަސައްކަތްކުރާނެ ގޮތްތަކާއި، އޭއައި މެދުވެރިކޮށް ނެރޭ ނަތީޖާތައް ވަޒަންކުރާނެ ގޮތް މި ތަމްރީނުގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ. އަދި އޭއައިގެ އެހީގައި ކުރާ މަސައްކަތްތަކުގެ ޒިންމާދާރުކަން ދެމެހެއްޓުމާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމުގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އެމްޕީއެލް އިން އަންނަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޑިޖިޓަލް ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
