ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވައްދާލި ދެ ލަނޑުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ. މި މެޗުން ބަޔާން މޮޅުވީ 3-1 އިންނެވެ.
މިއީ ބަޔާނުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ހޯދާފައިވަނީ ވެސް ބަޔާނުންނެވެ. އެ ޓީމަށް މިދިޔަ ހަ އަހަރުގެ ތެރެއިން ސުޕަ ކަޕް ގެއްލުނީ 2019 ވަނަ އަހަރު އެވެ. އެފަހަރުގެ ފައިނަލްގައި ބަޔާން ބަލިވީ ޑޯޓްމަންޑް އަތުންނެވެ.
ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މި މެޗުގައި ބަޔާނުން ލީޑްނެގީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޖަރުމަން ވިންގާ ސާޖް ނެބްރީ ދިން ބޯޅައަކުން ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަރަކަށް މިނެޓުގެ ތެރޭގައި ޖަރުމަނުގެ އަބަދަށްފެހި ފޯވާޑް ތޯމަސް މުލާ ވަނީ ބަޔާނަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.
ޑޯޓްމަންޑުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ ރޮއިސް އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ރޮއިސް ކާމިޔާބުކުރި ގޯލެކެވެ. އެކަމަކު، އޭގެ 10 މިނެޓުފަހުން ލެވަންޑޯސްކީ ވަނީ ބަޔާނަށް އަލުން ދެލަނޑުގެ ލީޑްނަގައިދީފައެވެ. ފްރާންސްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ ދިން ބޯޅައަކުން ލެވަންޑޯސްކީ ކާމިޔާބުކުރި މި ގޯލަކީ ކްލަބު ކެރިއަރުގައި ޑޯޓްމަންޑް ކޮޅަށް އޭނާ ވައްދާލި 24 ވަނަ ލަނޑެވެ.
