އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި، އަހަރެމެން ކާބޯތަކެތީގައި ބޭނުންކުރާ ވެނީލާއަށް އޭގެ މީރު ރަހައާއި ވަސް ގެނެސްދޭ މާއްދާ ކަމަށްވާ "ވެނީލިން" އަކީ ހަށިގަނޑުގައި އުފެދޭ ފާރުތައް ފަސޭހަކޮށްދިނުމުގެ ބާރުހުރި މާއްދާއެކެވެ. މީގެ ކުރިން ހަމައެކަނި ކާބޯތަކެތީގެ ރަހަ ހެޔޮވަރުކުރުމަށް ބޭނުންކުރި މި މާއްދާއަކީ ސިއްހީ ދާއިރާގައި ބޮޑު އިިންގިލާބެއް ގެނެސްދާނެ އެއްޗެއްކަން މިހާރު ވަނީ ހާމަވެފައެވެ.
ސައިންސްވެރިން ހާމަކުރި ގޮތުގައި ވެނީލިންގެ ސަބަބުން ޖަރާސީމުތަކާއި ފަންގަސްއާ ދެކޮޅަށް މަސައްކަތްކޮށް، ފާރުތަކުގައި އިންފެކްޝަން އުފެދުން ހުއްޓުވައިދެއެވެ. މީގެ އިތުރުން، ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ކުޑަކޮށްދީ، ހަމުގެ ސެލްތައް އަވަހަށް އިއާދަވުމަށް އެހީތެރިވެދޭތީ، މިއީ ފާރު އަވަހަށް ރަނގަޅުވުމަށް މަގުފަހިކޮށްދޭ މުހިންމު ސިފައެކެވެ.
މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ވެނީލިން ބޭނުންކޮށްގެން ތައްޔާރުކުރާ ބޭސްތަކުގެ ސަބަބުން، ހާއްސަކޮށް ފަސޭހަވާން އުނދަގޫވާ ބޮޑެތި ފާރުތައް ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަދި އާދައިގެ ބޭސްތަކާ ހިލާފަށް މި މާއްދާއަކީ ހަމުގެ ސެލްތަކަށް ގެއްލުން ނުލިބޭ، ރައްކާތެރި މާއްދާއެއްކަންވެސް ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.
ވެނީލިންއަކީ ވަރަށް އަގުހެޔޮކޮށް އަދި ތަނަވަސްކޮށް ލިބެންހުންނަ މާއްދާއަކަށްވާތީ، ކުރިމަގުގައި އެޑްވާންސްޑް ވޫންޑް ކެއާ ނުވަތަ ފާރުތަކަށް ފަރުވާދޭ އާ ބޭސްތައް އުފެއްދުމުގައި މިއީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މާއްދާއެކެވެ. މި ހޯދުމުގެ ސަބަބުން ސިއްހީ ދާއިރާއަށް އަގުހެޔޮ އަދި ފަރުވާގެ ނަތީޖާ ރަނގަޅު އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން އުއްމީދުކުރެއެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
