ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތައް އިސްރާއީލާ ގުޅުންހުރި ކުންފުނިތަކަށް ނުވިއްކޭނެ ގޮތަށް ހަރުދަނާ އިންތިޒާމްތައް ގާއިމުކުރައްވާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ލިންކްޑްއިންގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެ ގެންގުޅޭ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެސް ރަސްމާލެ މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ބިން ނުވަތަ ޕްރޮޕަޓީތައް އެއްކޮށް މިލްކުކުރެވޭ އުސޫލެއް ނެތް ކަމަށާއި ބިން ދޫކުރާނީ ގާނޫނީ ހަރުދަނާ އުސޫލުތަކުގެ ދަށުން ހަމައެކަނި ލީސްގެ ގޮތުގައި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި ހިއްސާދާރުންގެ އިތުރުން ފައިނޭންސްކުރާ ފަރާތްތަކާއި ސޭލްސް އޭޖެންޓުންގެ ތެރޭގައި އިސްރާއީލާ ގުޅުންހުރި ފަރާތެއް ނުހިމެނޭކަން ކަށަވަރުކުރުމަށް ވަކި މިންގަނޑުތަކެއް ހަދާނެ އެވެ. އެގޮތުން ޕްރޮޕަޓީ ގަންނަ ކޮންމެ މީހަކު ވެސް އެ މީހެއްގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަމާ ބެހޭ މައުލޫމާތު ފުރިހަމައަށް ހާމަކުރަން ލާޒިމުވާނެ އެވެ. އަދި މައުލޫމާތު ފޮރުވައިފި ނަމަ އެއްބަސްވުން ބާތިލުކޮށް، ފައިސާއާއި ޕްރޮޕަޓީ ދައުލަތަށް ނެގޭނެ އެވެ.
މިކަމާ ގުޅޭގޮތުން ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ "ވަކި ގައުމަކާ ގުޅުންހުރި ފަރާތްތަކަށް ނުވަތަ ވަކި މީހުންނަށް ވިއްކޭ ޕްރޮޕަޓީގެ އަދަދު މަދުކުރުމާއި، ވިއްކޭނެ މިންވަރު ކަނޑައެޅުމުގެ އުސޫލުތަކެއް އެކުލަވާލާނެ،" ކަމަށެވެ.
މި މަޝްރޫއުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށާއި ބިދޭސީންނަށް ކަނޑައަޅާ ލިމިޓުތައް ދިވެހިންނަށް ނުހިނގާނެ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.
