އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވި ދަތިތައް ހައްލުކޮށް، ކުރިން ދިމާވި މައްސަލަތައް ކުރިއަށް އޮތްތަނުގައި ދިމާނުވާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ރައީސް އޮފީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް އޮންލައިން ވިޔަފާރި ކުރުމުގައާއި އީ-ކޮމާސްގެ މުއާމަލާތްތަކުގައި ދިމާވި ހުރަސްތައް ބޭންކުން ވަރަށް ރަނގަޅަށް މެނޭޖުކޮށްފައިވާ ކަމަށެވެ. އަދި ބޭންކުން ދިން ޔަގީންކަމާ އެކު އެ މައްސަލަތައް ދެން ތަކުރާރު ނުވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ޓީޓީ ހެދުމަށާއި ބޭރު ފައިސާ ދޫކުރުމުގައި ދިމާވެފައިވާ ހާލަތު ބަދަލުވެ، ކުރިން އޮތް އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ. ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތިވީ މީގެ ކުރިން ސަރުކާރަކުން ނުދައްކާހާ ބޮޑު އަދަދެއް ކަމަށްވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

]ޥ

ޑޮލަރުގެ ތާށިކަމާ ގުޅިގެން ޑޮލަރު ޓްރާންސްފާ ކުރުމާއި ޓީޓީ ހެދުމުގައި ލަސްތަކެއް އުޅޭ ކަމަށް ބީއެމްއެލް އިން ކުރިން ވަނީ ހާމަކޮށްފަ އެވެ. އަދި ބޭންކުން ވަނީ ކާޑުތަކުގެ ލިމިޓުތައް ހިފަހައްޓައި، މުޅި ރާއްޖެއަށް ދުވާލަކު 16 މިލިއަން ޑޮލަރުގެ މުއާމަލާތް ކުރެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފަ އެވެ.