ޔުނެސްކޯގެ އިންޓަރގަވަރމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަންގެ 'ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމް' ގެ ދަށުން ކުޅުދުއްފުށި ސިޓީއަށް ރަސްމީ ދަރަޖަ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ. މިކަން ހާމަކުރީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިތުރުން ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ކުރިއާލާ އިންޒާރު ދިނުމުގެ ނިޒާމު ހަރުދަނާކޮށް، ކުއްލި ހާލަތްތަކުގައި ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކުރުމުގެ ޕްލޭންތައް އެކުލަވާލުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިއީ ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ސުނާމީއަށް ތައްޔާރުވުމުގެ ނަމޫނާއެއްގެ ގޮތުގައި ބޭނުންކުރާނެ މަޝްރޫއެކެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޑީއެމްއޭ އިން ވަނީ ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށް ގިނަ އާ މަސައްކަތްތަކެއް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި 'ނެޝަނަލް ރިސްކް ރެޖިސްޓަރ އެންޑް އެސެސްމަންޓް 2026' ހިމެނެ އެވެ. އަދި ބޮޑެތި ކާރިސާތަކުގައި މުއައްސަސާތައް ގުޅިގެން ފިޔަވަޅު އެޅުމަށް 'ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭން' ވެސް ވަނީ އެކުލަވާލާފަ އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެންޑީއެމްއޭ އިން ބުނީ "ކާރިސާގެ ނުރައްކާ ކުޑަކުރުމަކީ ހަމައެކަނި ކާރިސާއެއް ދިމާވުމުން އިޖާބަދިނުމެއް ނޫން. އެއީ ނުރައްކާތައް ދެނެގަތުމާއި، ގެދޮރު ރައްކާތެރިކުރުމާއި، ކާރިސާގެ ކުރިން ހޭލުންތެރިވެ ތައްޔާރުވުން،" ކަމަށެވެ.

ރަށްރަށުގެ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީގައި ފެން ހިންދާ ޕަމްޕާއި އަލިފާން ނިއްވާ ވަސީލަތްތައް ވެސް ރަށްރަށަށް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ކާރިސާތަކުން ލިބޭ ގެއްލުންތައް ދެނެގަތުމަށް 'ޑާލާ' ގެ ނަމުގައި ޑިޖިޓަލް ނިޒާމެއް ތައާރަފުކޮށް، ކުރިއާލާ އިންޒާރުދޭ މަގުޗާޓެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.