އެމެރިކާ އިން ގުއަންޓަނާމޯބޭ ޖަލުގައި އެތައް ބަޔަކު ހައްޔަރު ކޮށްގެން ގެންގުޅުނީ ޓެރަރިޒަމް ދުނިޔެ އިން ނައްތާލުމަށް ބޭނުން ކުރާ ޖަލެއްގެ ގޮތުގައެވެ. އެގައުމުން އޭރު ބުނަމުން ދިޔައީ ދޫކޮށްލާފައި ބޭތިއްބޭ ވަރަށްވުރެ ނުރައްކާތެރި ބަޔަކު އެބަތިބި ކަމަށާއި އެމީހުންނަށް ގުއަންޓަނާމޯބޭ ޖަލަށްވުރެ ވަކިން ރަނގަޅު އެހެންތަނެއް ނެތް ކަމަށެވެ. އަދި އެޖަލުން ދޫކޮށްލި އެންމެންނަކީ ޓެރަރިސްޓުން ނޫންކަން އެމެރިކާ އިން ކަށަވަރު ކުރުމަށްފަހު ދޫކޮށްލި މީހުންނެވެ.

މިމަހުގެ 15 ވަނަ ދުވަހު އަފްޣާނިސްތާންގައި ޠާލިބާނުން އާދަޔާއި ހިލާފު ބޮޑު ކާމިޔާބެއް ހޯދާ ކާބުލް ވެސް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނައިއިރު އެންމެ އިސް އެއް ކޮމާންޑަރުގެ ގޮތުގައި ހުރީ ގުއަންޓަނާމޯބޭ ޖަލުގައި އެމެރިކާ ސިފައިންގެ އަތްދަށުގައި ހަ އަހަރު ދުވަހު އޮތް ގޮލާމް ރޫހާނީ ނަމަކަށް ކިޔާ މީހެެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޫހާނީ އަކީ އެމެރިކާ އަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު އެންމެ ފުރަތަމަ ހައްޔަރުކުރި ޠާލިބާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. 2002 ވަނަ އަހަރު ގުއަންޓަނާމޯބޭ ޖަލު ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެޖަލަށް ގެންދިޔަ މީހުންގެ ތެރޭގައިވެސް އޭނާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާ އަފްޣާނިސްތާންގެ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި ވަނީ 2007 ވަނަ އަހަރުގައެވެ. އޭގެ ކުރިން އޭނާ އަކީ ގުއަންޓަނާމޯބޭ ޖަލުގެ ގައިދީއެކެވެ. އަފްޣާނިސްތާން ސަރުކާރާއި އޭނާ ހަވާލުކުރިތާ ދެއަހަރެއްހާ ދުވަސް ފަހުން އޭނާ ވަނީ މިނިވަން ވެފައެވެ.

އަފްޣާނިސްތާންގެ ރިޔާސީ ގަނޑުވަރަށް ޠާލިބާނުން ވަންއިރު އެ ޖަމާއަތުގައި އެންމެ އިސްކޮށް ހުރި އެކަކަކީ ރޫހާނީއެވެ.

އަފްޣާނިސްތާންގައި އެމެރިކާ އިން 20 އަހަރު ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި އެމެރިކާ އަށް ހޯދުނު އެއްވެސް ކާމިޔާބެއް ނެތް ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ރޫހާނީ ފަދަ ނުރައްކާތެރި ގައިދީއަކު އެމެރިކާގެ އަތްދަށުން ސަލާމަތް ވެފައި ހުރިކަން ތިލަވުމުން މިހާރު ކިޔާ ފާޑުކިއުންތައް ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.