މޫސުން ގޯސްވެ، ގަދަވަޔާއި އޮއިވަރުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވުނު އިންޑިއާގެ ތިން މަސްބޯޓާއި އެ ބޯޓުތަކުގައި ތިބި 25 މަސްވެރިން ދޫކޮށްލުމަށް އެ މީހުންގެ އާއިލާތަކުން އެދިއްޖެއެވެ. މި މަސްވެރިން ހިފަހައްޓާފައިވަނީ ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައި ރާއްޖޭގެ ކޯސްޓްގާޑުންނެވެ.
މި ހާދިސާގައި ހިފެހެއްޓި 25 މަސްވެރިންނަކީ އިންޑިއާގެ ޓެމިލްނާޑޫގެ ތޫތުކުޑީގެ ތަރުވައިކުލަމް އަވަށަށް ނިސްބަތްވާ ބައެކެވެ. އެ މީހުން ކަނޑު ނުކުތީ މި މަހުގެ އެއްވަނަ ދުވަހު ކަންނެލި މަސްވެރިކަމަށް ކަމަށް އާއިލާތަކުން ބުނެއެވެ.
އާއިލާގެ މެންބަރުން ބުނީ، އެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ގަސްދުގައި ނޫން ކަމަށާއި، އެއީ ކަނޑުގަދަވެ ޖެހުނު ބާރު ވަޔާއި ވަރުގަދަ އޮއިވަރުގެ ސަބަބުން ބެހިގެން ކަމަށެވެ. އަދި މި މަސްވެރިންނަކީ ކުޑައިރުއްސުރެ މި މަސައްކަތްކޮށްގެން އާއިލާތައް ބަލަހައްޓަމުން އަންނަ ބައެއް ކަމަށް ވެސް ފާހަގަކުރިއެވެ.
ހިފެހެއްޓި މަސްވެރިއެއްގެ އާއިލާއިން ބުނީ "މަސްވެރިން ހިފެހެއްޓުމުގެ ސަބަބުން އާއިލާތަކަށް ބޮޑެތި ދަތިތަކާއި ގެއްލުންތައް ވަނީ ކުރިމަތިވެފައި" ކަމަށެވެ. އެހެންކަމުން ހިފަހައްޓާފައިވާ މަސްވެރިންނާއި ތިން ބޯޓު އަނބުރާ ހޯދައިދިނުމަށް ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެ އާއިލާތަކުން ވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހިފެހެއްޓި މަސްވެރިން އަވަހަށް ސަލާމަތްކޮށް ގައުމަށް ގެނައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ގައުމުގެ މަސްވެރިންގެ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ.
